ހަބަރު

ބަދަލުތައް ގެންނަން ހަކަތައާބެހޭ ސިޔާސަތު މުރާޖައާ ކުރަނީ

ހަކަތައިގެ ދާއިރާއިރާ އިން މަސައްކަތް ކޮށް ދާއިރާ ކުރިއަރުވަން 2010 ވަނަ އަހަރު އެންވަޔަރަންމަންޓް މިނިސްޓްރީން އެކުލަވައިލި "ހަކަތައިގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް" ހިމެނޭ ސިޔާސަތު މުރާޖައާކުރަން ފަށައިފި އެވެ.

މިހާރު ރާއްޖެއިން އަމަލުކުރަމުންދާ ސަސްޓައިނަބަލް ޑިވޮލޮޕްމަންޓް ގޯލްސް ނުވަތަ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް އަލުން މުރާޖައާކުރަން އެންވަޔަރަމަންޓް މިނިސްޓްރީން ފެށީ، ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހަކަތައާއި ގުޅުންހުރި ވައުދުތައް އެ ސިޔާސަތުތަކުގެ ތެރެއަށް ހިމެނުމަށެވެ.

ހަކަތައާބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވީ، ދުވަހެއް ދުވަހަކަށް ދުނިޔެއާއި ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި، ތަރައްގީގެ ގޮތުން އަންނަ ބަދަލުތަކާއެކު އެކަށީގެންވާ ބަދަލުތައް ސިޔާސަތުތަކަށް ގެނައުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ހަކަތައިގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ދާއިރާގެ ރަސްމީ ސިޔާސަތުގެ ތެރޭގައި އެ ލަނޑުދަނޑިތައް ހިމެނުމަކީ ދާއިރާގެ ކުރިމަގަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށެވެ.

ރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކުގެ މައިގަނޑު އެއް މަގުސަދަކީ ރައްޔިތުންނަށް ހެޔޮ އަގެއްގައި ކަރަންޓު ފޯރުކޮށްދިނުން ކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށް ރައްޔިތުންނަށް ހަރަދުކުޑަ ކަރަންޓު ފޯރުކޮށްދިނުން ކަމަށެވެ.

މުރާޖައާ ކުރާ ހަކަތައިގެ ސިޔާސަތުގައި ހިމެނެނީ މައިގަނޑު ފަސް ސިޔާސަތެކެވެ. އޭގެ ތެރޭގައި ހަކަތައިގެ ދާއިރާގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރުމާއި، ހަކަތަ ހެޔޮގޮތުގައި ބޭނުންކުރަން ބާރު އެޅުމާއި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީ ކުރިއެރުވުން ފަދަ ކަންކަން ހިމެނެ އެވެ.