ހަބަރު

ތިމާވެށީގެ ދުވަހާ ގުޅުވައި ފޮޓޮގްރަފީ މުބާރާތެއް ބާއްވަނީ

ދުނިޔޭގެ ތިމަވެށީގެ ދުވަހާ ގުޅިގެން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ފޮޓޮގްރަފީ މުބާރާތެއް ބާއްވަން އެންވާރަމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

އެންވާރަމެންޓް މިނިސްޓްރީ އާ މޯލްޑިވްސް ފޮޓޯގްރާފާޒް އެސޯސިއޭޝަން ގުޅިގެން ބާއްވާ މި މުބާރާތުގެ މަގްސަދަކީ ދަރިވަރުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް ތިމަވެށީގެ ހާލަތާއި މައްސަލަތައް ފޮޓޯގެ ޒަރިއްޔާއިން ފުރުސަތު ހޯދައިދޭން ކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއެވެ.

މި މުބާރާތުގައި ތިން ކެޓަގަރީއަކަށް ފޮޓޯ ހުށަހެޅޭއިރު މުބާރާތުގައި ވަކިވަކި އުމުރުފުރާތަކެއް ވަނީ ކަނޑައަޅާފަ އެވެ. އެއީ ހަ އަހަރާއި ހަތް އަހަރާއި ދެމެދު، އަށް އަހަރާއި ދިހަ އަހަރާއި ދެމެދު އަދި އެގާރަ އަހަރާއި ބާރަ އަހަރާ ދެމެދުގެ އުމުރުފުރާތަކެވެ.

މުބާރާތައް ފޮޓޯ ހުށަހެޅޭ ތިން ކެޓަގަރީ އަކީ:
1. ވޯޓާ / އެނާޖީ
2. ވޭސްޓް / ޕޮލިއުޝަން
3. ބަޔޯ ޑައިވާސިޓީ އެންޑް ލައިވްލި ހޫޑް

މި މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް އިންސާފުކުރުމަށް ހުޅުވާލާފައިވާ ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިން ވަނަ ހޮވަން ނިންމާފައިވާއިރު އެ ފޮޓޯތައް ބޭނުންކޮށްގެން އަންނަ ޖޫން މަހުގެ ތިނަކުން ހަތަރަކަށް ފޮޓޯ މައުރަޒެއް ބާއްވަން ނިންމާފައިވާ ކަމަށް އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި ވަނަ ވަނަ އަށް ހޮވޭ ފަރާތްތައް އެ މައުރަޒުގައި އިއުލާނު ކުރަން ނިންމާފައިވާ ކަމަށްވެސް އެންވާރަމެންޓުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު އެއްގަޑި ތިރީހުގެ ކުރިން ފޮޓޯތައް ފޮނުވަން ޖެހޭއިރު ފޮޓޯ އާއެކު މި މުބާރާތުގައި ބައިވެރިވާން އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅަން ޖެހެ އެވެ.

އެންވާރަމެންޓުން ބުނީ އެމިނިސްޓްރީގެ ރިސެޕްޝަނަށް އެޕްލިކޭޝަން ފޯމާއި ފޮޓޯގެ ސޮފްޓް ކޮޕީ އާ އެކު ހުށަހެޅޭނެ ކަމަށާއި އަދި މެއިލްވެސް ކުރެވިދާނެ ކަމަށެވެ.

މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް ހުށަހަޅާއިރު ފޮޓޯނެގި ފަރާތުގެ ނަމާއި އެޑްރެސް އަދި ފޮޓޯ ނަގާފައިވާ ތަނާއި ތާރީހް އަދި ފޮޓޯގެ ކެޕްޝަން ޖަހަން ޖެހެ އެވެ. އަދި މީގެ އިތުރުން ފޮޓޯ ހުށަހެޅުނު ކެޓަގަރީއާ ފޮޓޯ އާއި ގުޅުން ހުރި 40 ބަހަށްވުރެ ގިނަ ނުވާ ވަރުގެ ލިޔުންކޮޅެއް ލިޔަން ޖެހޭނެ އެވެ.