އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަބްދުﷲ އުނައިސް އައްޔަންކޮށްފި އެވެ.
އީސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އީސީގެ މެންބަރު ކަމަށް މިދިޔަ އޭޕްރީލް 15 ވަަނަ ދުވަހު އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އަވަސްއަށް ވިދާޅުވީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް އުނައިސް އައްޔަންކުރަން ކޮމިޝަންގެ މެންބަރުން މިއަދު ނިންމަވާފައިވާ ކަމަށެވެ.
އީސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ހުސްވުމާ ގުޅިގެން މިދިޔަ ދުވަސްތަކުގައި ވަގުތީ ގޮތުން އެ މަގާމުގެ ޒިންމާ އުފުއްލެވީވެސް އުނައިސް އެވެ.
އުނައިސް ވަނީ އައިޓީ ދާއިރާ އިން ޑިގްރީ ހެއްދެވުމަށްފަހު ބިޒްނަސް ސްޓަޑީސްގެ ދާއިރާ އިން މާސްޓާސް ހާސިލްކުރައްވާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގައި 2005 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އުނައިސް އެންމެ ފަހުން ހުންނެވީ އެ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމު ގައެވެ.