ހަބަރު

ތިނަދޫ އަތޮޅުގޭގައި ދިރިއުޅޭ ކައުންސިލަރުންގެ ހަރަދު ވަރަށް ބޮޑު: އޮޑިޓް

ގދ. ތިނަދޫގައި ހުންނަ އަތޮޅު ގޭގައި ދިރިއުޅޭ ކައުންސިލަރުން އެތަނަށް ދައްކާ ކުއްޔާއި އެކަށީގެންނުވާ ވަރަށް ކަރަންޓާއި އެހެނިހެން ހަރަދުތައް ކުރާތީ، އަތޮޅުގެ ކުއްޔަށް ދީގެން ކައުންސިލަށް ލިބެނީ ހުސް ގެއްލުން ކަމަށް އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.

ތިނަދޫ އަތޮޅު ކައުންސިލުގެ 2013 ވަނަ އަހަރުގެ މާލީ ބަޔާންތައް ދިރާސާ ކުރުމަށްފަހު އޮޑިޓާ ޖެނަރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނީ، އަތޮޅު ގޭގައި ކައުންސިލަރުން ތިބެނީ މަހަކު 500ރ. ގެ ކުއްޔެއް ދައްކައިގެން ކަމަށް ވިޔަސް، އެ ފަރާތްތަކުން ކުލީގެ ގޮތުގައި ދައްކާ އަދަދަށްވުރެ އިތުރަށް އެތަނުގެ ކަރަންޓާއި އެހެނިހެން ހަރަދު ހިނގާ ކަމަށެވެ. އެގޮތުން 2013 ވަނަ އަހަރު އަތޮޅުގެއިން އާމްދަނީގެ ގޮތުގައި ލިބުނު އަދަދަށްވުރެ އިތުރަށް 112,285ރ. ކައުންސިލްގެ ބަޖެޓުން ހަރަދުކުރަން ޖެހުނު ކަމަށެވެ.

ކައުންސިލް މެންބަރުންނަށް އަތޮޅުގެ ކުއްޔަށް ދޭގޮތަށް ނިންމާފައިވަނީ ކައުންސިލަށް އާމްދަނީ ހޯދުމުގެ ގޮތުން ނަމަވެސް، ކައުންސިލަރުންގެ އަމަލުތައް އެގޮތަށް ބަހައްޓާތީ، އަތޮޅުގެ ކުށްޔަށް ދީގެން ކައުންސިލަށް ލިބެންޖެހޭ ބޮޑު މަންފާއަކުން މަހުރޫމްވެފައިވާކަން އޮޑިޓުން ފާހަގަކުރި އެވެ.

އަތޮޅުގޭގައި ކައުންސިލަރުންނަށް ދިރިއުޅެވޭނެ ގޮތް ހަމަޖައްސާފައި އޮތުމާއި ގުޅިގެން، އެފަރާތްތަކުން ކައުންސިލަށް ދައްކާ ކުލީގެ އިތުރަށް ކައުންސިލުގެ ބަޖެޓުން އިތުރަށް ހަރަދުކުރަންޖެހުމަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ގާނޫނުގެ 20 ވަނަ މާއްދާގެ ދަށުން، މަޖިލީހުން ކައުންސިލްތަކުގެ މެންބަރުންނަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކުގެ ބޭރުން ގަވާއިދާ ހިލާފަށް މެންބަރުން ނަގާ މަންފާއެއްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، އެތަނަށް ހިނގާ ހަރަދު ކަވަރުކުރެވޭނެ އަދަދެއް ދައްކައިންގެން ތިބެން ކައުންސިލަރުންނަށް އޮޑިޓާ ޖެނަރަލް ވަނީ ލަފާދެއްވާފަ އެވެ.

ތިނަދޫގައި ހުންނަ ގދ. އަތޮޅުގެ އަތޮޅު ކައުންސިލުން 2013 ވަނަ އަހަރު ގަވާއިދާ ހިލާފަށް ހިންގާފައިވާ ގިނަ މައްސަލަތަކެއް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި މާލިއްޔަތު ގާނޫނާ ހިލާފަށް ކޮށްތު ހަރަދާއި ދަތުރު ހަރަދުތައް ކޮށްފައިވުމާއި، ކައުންސިލްގެ ސްޓޮކް ގަވާއިދާ އެއްގޮތަށޤ ބަލަހައްޓާފައި ނުވުމާއި، ކައުންސިލުން ކުރާ ހަރަދުތައް ރިކޯޑުކޮށްފައި ނުވުމާއި، އިއުލާނު ނުކޮށް ކައުންސިލަށް ބޭނުންވާ ތަކެތި ބައިބަޔަށް ގަތުން ފަދަ މައްސަލަތައް ހިމެނެއެވެ.