ޑިމޮކްރެޓްސްގެ ވަގުތީ ރައީސް ކަމަށް މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ފިރުޝާން އިންތިހާބުކޮށްފި އެވެ.
ޑިމޮކްރެޓްސްގެ ރައީސް ކަމަށް ފިރުޝާން އިންތިހާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ލަތީފް މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.
ޑިމޮކްރެޓުންގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމާ ވަގުތީ ގޮތުން ހަވާލުވާންޖެހޭނީ ޕާޓީގެ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ.
އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ރައީސްގެ ޒިންމާއާ ހަވާލުވުމަށް ކުރިމަތިލެއްވީ ފިރުޝާންގެ އިތުރުން ނައިބް ރައީސްއެއްގެ ގޮތުގައި ހުންނެވި އަލައިކާ އަދުނާން އެވެ.
ޑިމޮކްރެޓުންގެ ނޭޝަނަލް އެސެމްބްލީގެ މިރޭ ބައްދަލުވުމުގައި އެ ދެ ބޭފުޅުންގެ މެދުގައި ނެގުނު ވޯޓުން ފިރުޝާން ކުރި ހޯއްދެވީ 29 ވޯޓު ހޯއްދަވައިގެންނެވެ. އަލައިކާއަށް ލިބުނީ 14 ވޯޓު ލިބުނެވެ.
ޑިމޮކްރެޓުންގެ ނެޝަނަލް އެސެމްބްލީގައި 130 މެމްބަރުން ތިއްބަވާއިރު މިރޭގެ ބައްދަލުވުމުގައި ވަނީ 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި ޕާޓީގެ އާ ރައީސް އިންތިހާބު ކުރަންވެސް ފާސްކޮށްފަ އެވެ.