ހަސަން ލަތީފް

ޑިމޮކްރެޓްސްގެ ރައީސް ހަސަން އިސްތިއުފާ ދެއްވައިފި

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އިސްތިއުފާ ދެއްވައިފި އެވެ.

ހަސަން މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވިކަން އޭނާ ވަނީ އެ ޕާޓީގެ މެންބަރުންނަށް އަންގަވާފަ އެވެ.

ޑިމޮކްރެޓުންގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ހަސަން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ ޕާޓީގެ މެމްބަރުން އޭނާއާ އެކު ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވަނީ އެ މަގާމުގައި މި ވަގުތު ހުންނެވެން ނެތުމުން ކަމަށެވެ. ނަމަވެސް ސަބަބު ބަޔާންކުރައްވާފައެއް ނުވެ އެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ހަސަން އިސްތިއުފާ ދެއްވާފައި މިވަނީ އެ ޕާޓީގެ އިސް ބޭފުޅުންތަކެއް ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންފައި ވަނިކޮށެވެ. އެގޮތުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު އާއި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދީ މިދިޔަ އަހަރު އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބަށްފަހު އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު އެވެ.