ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހަސަން ލަތީފް އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
ދަ ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފާއި ދަ ޑިމޮކްރެޓްސްގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު އެމްޑީޕީއާ ގުޅުވަޑައިގެންފައިވާ ކަމަށް އެ ޕާޓީންވެސް މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ.
ހަސަން ލަތީފާއި ޝިފާޒު، ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމުގެ ކުރިން އެ ދެ ބޭފުޅުން ވަނީ އެމްޑީޕީގައިވެސް އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އެގޮތުން ޝިފާޒު ވަނީ އެމްޑީޕީގެ ނައިބް ރައީސް ކަން ކުރައްވާފަ އެވެ. އަދި ހަސަން ލަތީފް ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފުރުއްވާފަ އެވެ.
ހަސަން ލަތީފާއި ޝިފާޒު އަކީ މިދިޔަ އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބަށްފަހު އުފެދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެން އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އުފެއްދުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ.
ދަ ޑިމޮކްރެޓްސްގައި އިސްކޮށް މަސައްކަތް ކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއާއި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.