ފިނިޕޭޖް

ވޮއިސް އޮފް މޯލްޑިވްސްގެ ތަރިން މިހާރު ކޮބާ؟

މޯލްޑިވިއަން އައިޑޮލްގެ އެންމެ މަޝްހޫރު ޖަޖު، އައްމަޑޭ ބުނަނީ ކީކޭކަން އެނގޭ ހެއްޔެވެ؟ މޮޅު އަދި ކާމިޔާބު އާޓިސްޓަކަށްވުމަށް އެދޭ ނަމަ ލުކްސް، ކެރެކްޓާ، ޕާސަނާލިޓީ ވަރަށް ވެސް މުހިންމު ކަމަށެވެ. މި ހުރިހާ ސިފައެއް ގޮސް އޭނާގެ ހުނަރުވެރިކަމާ ގުޅުނީމަ ދެން އުފެދޭނީ ކޮމްޕްލީޓް އާޓީސްޓެއް ކަމަށެވެ.

އެހެން ނަމަވެސް އައްމަޑޭގެ މި ވާހަކަ ގަބޫލުކުރަނީ ދިވެހިންގެ ތެރެއިން ހަގީގަތުގައި ވެސް މަދު ބައެކެވެ. އެކަމަކު އޭނާ ދައްކާ ވާހަކަ އަކީ ހަގީގަތެއްކަން އަހަރެމެންނަށް ސާބިތުކޮށްދެވިދާނެ އެވެ.

ވޮއިސް އޮފް މޯލްޑިވްސް، އާދެ، މޯލްޑިވިއަން އައިޑޮލްގެ ކުރިން ޕީއެސްއެމްގެ ޗެނަލް، ޓީވީއެމް އިން ދިވެހިންނާ ހަމަ އަށް ގެނެސްދިން އެންމެ ބޮޑު މިފަދަ ލަވަމުބާރާތަކީ އެއީ އެވެ. އެ މުބާރާތާއި މިފަދަ އެހެނިހެން މުބާރާތްތަކުން ވެސް "ކޮމްޕްލީޓް އާޓިސްޓުންތަކެއް" ނުވަތަ އެއްކޮށް ފުރިހަމަވެފައިވީ ފަންނުވެރިންތަކެއް ނުނެރެވުނީ އައްމަޑޭ ވެސް ފާހަގަ އެކުރާ ބައެއް ސިފަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވުމުންނެވެ.

ވޮއިސް އޮފް މޯލްޑިވްސް އިން މަޝްހޫރުވި ލަވަކިޔުންތެރިން އެއްވެސް އެއްޗަކަށް ނުވީ، ފަހަރެއްގައި ހަމައެކަނި އެމީހުންގެ ލަވަކިޔުމުގެ ކުޅަދާނަކަން ހޯދަން މަސައްކަތްކުރެވުނީމަ އެވެ. އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ. ދުރު މުސްތަގުބަލަކަށް އަމާޒުކޮށްގެން ލަވަކިޔުންތެރިންތަކެއް ބައެއްގެ ތެރެއިން ހޮވާ ނަމަ ހޮވަން ޖެހޭ އުސޫލަކީ މޯލްޑިވިއަން އައިޑޮލްގެ އުސޫލެވެ.

އެހެންވީމަ މޯލްޑިވިއަން އައިޑޮލްގެ ފީވާއެއްގައި އެންމެން ޖެހިފައި ތިއްބައި، މި މުބާރާތުގެ ކުރިން މިފަދަ ފޯރިއެއް އެންމެ ގަދަ އަށް ހިއްޕާލި މުބާރާތް، ވޮއިސް އޮފް މޯލްޑިވްސްގެ ބައެއް ތަރިންނަށް ބަލައިލަމާ ހިނގާށެވެ. އެ މުބާރާތުން ވިދާލި ލަވަކިޔުންތެރިން މިހާރު ތިބި ހިސާބަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

ހާލިދަކީ މިހާރު ވެއިޓަރެއް!

މިއީ ޅ. ނައިފަރަށް އުފަން މުހައްމަދު ހާލިދެވެ. އޭނާ އަކީ 2010 ވަނަ އަހަރު ތައާރަފްކުރި "ވޮއިސް އޮފް މޯލްޑިވްސް" ގެ ފުރަތަމަ ޗެމްޕިއަނެވެ. ވާދަވެރިކަން ނިކަން ބޮޑުވެގެން ދިޔަ އެ މުބާރާތް އޭނާ ކާމިޔާބުކުރުމުން މުސްތަގުބަލުގައި ރާއްޖޭގެ ނިކަން މޮޅު ލަވަކިޔުންތެރިޔަކަށް ހާލިދުވާނެ ކަމަށް އެތައް ބަޔަކު އުއްމީދުކުރި އެވެ.

ނަމަވެސް ވީ އެހެނެއް ނޫނެވެ. ހަގީގަތަށް ބުނަނީ ނަމަ ފުރުސަތުތަކެއް ނުލިބި ހާލިދު ބާކީވެގެން ދިޔައީ އެވެ.

އޭނާވީ ތަނެއް ބަލައިލުމުގެ ޝައުގުވެރިކަމުގައި އަޅުގަނޑު ގުޅާލިއިރު އުޅެނީ ވަރަށް ވެސް ބިޒީކޮށެވެ. ފޯނުން އެންމެފަހުން ވާހަކަ ދައްކާލެވުނީ ވެސް ދެ ތިން ފަހަރަކު ގުޅައިގެންނެވެ.

"ވަރަށް ބިޒީކޮށް މި އުޅެނީ މި ވަގުތު. ނެތް މާ ގިނަ ވާހަކައެއް ދެއްކޭކަށް،" ހާލިދު ބުންޏެވެ.

އޭނާ އަކީ ވެއިޓަރެކެވެ. މަސައްކަތްކުރަނީ ކުރުނބާ މޯލްޑިވްސްގަ އެވެ.

ހާލިދު ބުނީ ވަޒީފާ އަށް ނުކުތީ އިތުރު ގޮތެއް ނެތިގެން ކަމަށާއި އޭނާގެ ބަލި ބައްޕަ އަށް ކޮންމެހެން ވެސް ފަރުވާ ބޭނުންވާތީ މަސައްކަތެއް ނުކޮށް ދިރިއުޅެވެން ނެތް ކަމަށެވެ.

އޭނާ ބުނީ ލަވަކިޔުމަށް މާ ބޮޑު ސަމާލުކަމެއް މިހާރު ނުދެވުނަސް، މޯލްޑިވިއަން އައިޑޮލް އިއުލާނުކުރުމުން އޭގެ އޮޑިޝަނުގައި ބައިވެރިވާން މަސައްކަތްކުރި ކަމަށެވެ. އެހެން ނަމަވެސް އެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ.

ލަވަކިޔާނެ އިތުރު ފުރުސަތުތަކެއް ނުލިބުނަސް ހާލިދު ވަނީ ވޮއިސް އޮފް މޯލްޑިވްސް އިން އޭނާ އަށް ލިބުނު ފައިސާގެ އިނާމް ނިކަން ރަނގަޅަށް ސޭވްކޮށްފަ އެވެ. އެ ފައިސާ އޭނާ މިހާތަނަށް ބޭނުންކުރީ ރަށުގައި ދިރިއުޅޭނެ ކޮޓަރިއެއް ހެދުމަށް އެކަންޏެވެ. އެއަށް ފަހު ބާކީ ހުރި ފައިސާއެއް އޭނާ ވަނީ ބޭންކް އެކައުންޓްގައި ސޭވްކޮށްފަ އެވެ.

"ދެން ކޮޓަރިއެއް ހަދާފަ، ބާކީ ލާރި އެއްކޮށް އެކައުންޓްގަ ބަހައްޓާފަ ހުރީ. އެއީ ބައްޔެއް ވެއްޖެއްޔާ ވެސް ޚަރަދުކުރަން. އަދި އަޅުގަނޑު ބައްޕަ ބަލިވިޔަސް ޚަރަދުކުރަން،" އެހަނދާނުގައި ރެޓްރޯގައި ލަވައެއް ހުށަހަޅައިދިން ގޮތަށް މިއުޒިކްގެ ދުނިޔެ އިން ގެއްލިފައިވާ ހާލިދު ބުންޏެވެ.

އިއްބެ އުޅެނީ ކޮޕްސް ބޭންޑްގައި!

ވޮއިސް އޮފް މޯލްޑިވްސް އިން ވިދާލި ލަވަކިޔުންތެރިންގެ ތެރެއިން ޔަގީނަށް ވެސް އިބްރާހިމް ސައީދު (އިއްބެ) މިއީ ލަވަ އާއި މިއުޒިކްގެ ކެރިއަރެއް ފައްކާކުރި މަދު ކުދިންގެ ތެރެއިން އެކަކެވެ. އިއްބެ މިއީ ފުރަތަމަ ވޮއިސް އޮފް މޯލްޑިވްސްގައި ހާލިދާ ވާދަކޮށް އެ މުބާރާތުގެ ދެ ވަނަ ލިބުނު ފަރާތެވެ.

އެއަށް ފަހު އޭނާ ވަނީ ސިފައިންގެ ވަޒީފާ އަށެވެ. ކަން ދިމާކުރި ގޮތުން ބްރާސް ބޭންޑުން ފުރުސަތު ލިބި އެންމެފަހުން ސިފައިންގެ ތެރޭގައި އޮންނަ މަޝްހޫރު މިއުޒިކް ބޭންޑް ކޮޕްސް ބޭންޑުން ވެސް ފުރުސަތު ލިބުނީ އެވެ. އިއްބެ އަކީ މި ބޭންޑްގެ ވޯކަލިސްޓެވެ. ހަގީގަތުގައި ވެސް ވޮއިސް އޮފް މޯލްޑިވްސްގެ އެހެން ބައިވެރިންނަށް ބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.

އެހެން ނަމަވެސް އިއްބެ ބުނީ ވޮއިސް އޮފް މޯލްޑިވްސް އަށް ފަހު އޭނާ އަށް ވެސް ލަވަކިޔަން މާ ގިނަ ފުރުސަތުތަކެއް ހަގީގަތުގައި ނުލިބޭ ކަމަށެވެ. އެ ގޮތަށް ފުރުސަތުތަކެއް ނުލބި ދެ އަހަރުވަރު އުޅުނު ކަމަށް ބުންޏެވެ.

ކޮޕްސް ބޭންޑާ އެކު އިއްބެ ދަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އެ ބޭންޑްގައި އުޅެގެން އޭނާ ދެ ފަހަރެއްގެ މަތިން ސައުންޑްސް އޮފް މޯލްޑިވްސް ޓުއާގައި ބައިވެރިވެ ރާއްޖެ އިން ބޭރުގައި ވެސް ޕާފޯމްކޮށްފައި އެބަހުއްޓެވެ.

އިއްބެ ބުނީ މޯލްޑިވިއަން އައިޑޮލް އަކީ ވަރަށް ވެސް ރަނގަޅު ޕްލެޓްފޯމެއް ކަމަށާއި އެމީހުންނަށް ވެސް އެ ސްޓޭޖުގައި ލަވަކިޔަން ފުރުސަތު ލިބުނުނަމައޭ މިހާރު ހިތަށް އަރާ ކަމަށެވެ.

"އެހެން ނަމަވެސް އެ މުބާރާތުގައި ބައިވެރިވާކަށް ބޭނުމެއް ނޫން. ބޭނުންވަނީ އާ ކުދިންނަށް ފުރުސަތު ދޭން،" އިއްބެ ބުންޏެވެ.

މުޒައްފަރު ރަށުގައި ބޭކަރީއެއް ހިންގަނީ!

އިބްރާހިމް މުޒައްފަރަކީ ވޮއިސް އޮފް މޯލްޑިވްސް "ހާޑްކޮށްލި" މަޝްހޫރު އެލިމިނޭޝަން ރައުންޑުގައި ޝޯގެ އެއް ފެވަރިޓްގެ ގޮތުގައި ކުރިއަށް ދިޔަ އަހުމަދު ޔާފިއު ކަޓުވާލައި، އެފަހަރުގެ ޝޯގެ ތިން ވަނަ މަގާމު ގެންދިޔަ ލަވަކިޔުންތެރިޔާ އެވެ.

ވޮއިސް އޮފް މޯލްޑިވްސްގެ ތިން ވަނައާ އެކު ރަށުގައި ދިރިއުޅެމުން އަންނަ މުޒައްފަރު ބުނީ އޭނާ އަށް މިހާރު ލަވައެއް ކިޔާލަން ފުރުސަތު ލިބެނީ ރަށުގައި އޮންނަ އައްޑޫ ފްރެންޑްސް ނަމަކަށް ކިޔާ ޖަމިއްޔާއަކުން ހިންގާ ހަރަކާތްތަކެއްގައި ކަމަށެވެ.

"ރަށުގައި ދެން ޝޯތަކެއް ދެން. އީދު ދުވަސް ފަދަ ދުވަސްތަކުގައި. އައްޑޫ ފްރެންޑްސް ނަމަކަށް ކިޔާ ޖަމިއްޔާއެއް އޮންނާނެ މިކޮޅުގައި. އެމީހުންނާ ގުޅިގެން ލައިވް ޝޯތައް އައްޑޫ އާއި ފުވައްމުލަކުގައި ވެސް ކުރިއަށް ގެންދެވޭ ކޮންމެވެސް ވަރަކަށް،" އާއިލާ މީހުންނާ އެކު ރަށުގައި ބޭކަރީއަކާއި ފުޑް ޑެލިވަރީގެ ހިދުމަތް ދެމުން އަންނަ މުޒައްފަރު ބުންޏެވެ.

"އެ މުބާރާތުން ތިން ވަނަ ލިބިގެން ހިތަށް އެރީ ވަރަށް ކުރިއަށް ޖައްސާލާނަމޭ މި ދާއިރާ އިން. އެކަމަކު ފުރުސަތެއް ނުލިބޭ އަސްލު."

މުޒައްފަރު ބުނީ އޭނާ ވެސް މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުގައި ބައިވެރިވާން މަސައްކަތްކުރި ކަމަށާއި އެހެން ނަމަވެސް ކުރިން އެފަދަ ލަވަ މުބާރާތެއްގައި ވާދަކޮށްފައިވުމުން އެ ފުރުސަތު ނުދިން ކަމަށެވެ.

"އަސްލު ވަރަށް ބޭނުންވޭ ބައިވެރިވާން ފުރުސަތު ލިބިއްޖެ ނަމަ. އިރާދަކުރެއްވިޔާމު ރަނގަޅު ވަނައަކާ ހަމަ އަށް ވެސް ދެވިދާނެ،" މުޒައްފަރު ބުންޏެވެ.

"މޯލްޑިވިއަން އައިޑޮލް ދޭތެރެ ދޭތެރެއިން ބަލަން. ޝަލަބީ އެންމެ ކަމުދަނީ. ދެން ލައިޝާ. އެ ދެ މީހުން ވަރަށް ޔަގީންކަމާ އެކު އެ ޕާފޯމްއެކުރަނީ. ހަގީގަތަށް ބަލަންޏާމު އަޅުގަނޑަށް ހީވަނީ ޝަލަބީހެން މުބާރާތް ކާމިޔާބުކުރާނީ. އެންމެނަށް ވުރެ ވެސް މޮޅު."

އެންމެ މަޝްހޫރީ ހަސަން ތޮލާގް!

މިއީ ވޮއިސް އޮފް މޯލްޑިވްސްގެ ދެ ވަނަ ސީޒަންގެ ޗެމްޕިއަން އަދި އެންމެ ފަހު ޗެމްޕިއަން ވެސްމެ އެވެ. ފުރަތަމަ ސީޒަނުގެ އޮޑިޝަނުގައި އޭނާ އަށް ބައިވެރިނުވެވުނީ އެވެ. ދެ ވަނަ ސީޒަނުގައި ބައިވެރިވެ އޭނާ މުބާރާތް ކާމިޔާބުކުރީ އެވެ.

ދޮންބެ ނަމުން ވޮއިސް އޮފް މޯލްޑިވްސް ފަތަހަކުރި އަބްދުއްރަޝީދު އިބްރާހީމް ބަލިކޮށްގެންނެވެ. އެ ކާމިޔާބީ އަށް ފަހު ތޮލާގަކީ މިއަދު މާލޭގައި ވެސް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާ އަކީ ޒުވާނުންގެ މެދުގައި މަގްބޫލު ބޮޑުބެރު ގްރޫޕް، ހަބޭސް ބޮޑުބެރު ގްރޫޕްގެ މުހިންމު ލަވަކިޔުންތެރިއެކެވެ. އޭނާ ބޮޑަށް ފާހަގަކޮށްލެވެނީ އެމީހުންގެ ޕޮޕް ގްރޫޕުގެ ލީޑް ވޯކަލިސްޓެއްގެ ގޮތުގަ އެވެ.

މިއީ ހަމައެކަނި ލަވަކިޔުމުގެ ޓެލެންޓަށް ބަލައިގެން ލަވަކިޔުންތެރިންނަށް ފުރުސަތު ދިނީމަ ވީގޮތެވެ. އެމީހުން އާޓިސްޓުންނަށް ބަދަލުނުވީ އެވެ.