ހަބަރު

ތަރައްގީވުމަށް ސިޔާސީ ހިޔާލު ތަފާތުވުން އެއްފަރާތް ކުރަންޖެހޭ: އުމަރު

ގައުމު ތަރައްގީ ކުރަން ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެހެން ނޫންނަމަ އެގައުމެއް ކުރިއެރުމުގެ ބަދަލުގައި ދާނީ ފަހަތަށް ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭގެ) ރައީސް،އުމަރު ނަސީރު ވިދާޅުވި އެވެ.

އުމަރު މިހެން ވިދާޅުވީ، ކ. މާފުށީގައި މިރޭ ބޭއްވި "މާލެ އަތޮޅު އެވޯޑް" ނައިޓުގައި ވާހަކަފުޅު ދައްކަވަމުނެވެ. މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކު ތެރޭގައި ސިޔާސީ ހަލަބޮލިކަން ރާއްޖޭގެ ރަށްރަށަށް އައުމުގެ ސަބަބުން ގިނަ ރަށްތަކުގެ އިގްތިސޯދީ މަސައްކަތްތަށް ފުނޑުފުނޑުވެ އެރަށްތައް ބަލަންދާ ފަތުރުވެރިން އައުން މަދުވެފައިވާ ކަމަށާއި އޭގެ ސަބަބުން އެ ރަށްރަށަށް ކުރިން ލިބިފައި ހުރި ތަރައްގީގެ ކުޑަމިން ވަރުވެސް މިހާރު ފަހަތަށް ސޮއްސާލާފައިވާ ކަމަށެވެ.

އުމަރު ވިދާޅުވީ ރަށެއް ބާރު ސްޕީޑުގައި ކުރިއަރައި، ތަރައްގީ އަށް ވާސިލްވާން ބޭނުންވަނީ ނަމަ ރައްޔިތުންގެ މެދުގައި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން ތަކެއް ހުއްޓަސް އެކަން ކަން އެއްފަރާތްކޮށް ރަށުގެ ތަރައްގީއަށް މަސައްކަތް ކުރަން ތެދުވުން ކަމަށެވެ.

"ވޭތުވެ 10 އަހަރު ތެރޭގައި ކަޑަތު ކުރި ސިޔާސީ ކަނޑަކީ ވަރަށް ހަލަބޮލި ކަނޑެއް. އެކަނޑަށް ނިކުތް ފަހުން އަޅުގަނޑުމެންގެ ގައުމު ތަރައްގީގެ މަގުގައި ކުރިޔަށް ދިޔުމުގެ ބަދަލުގައި ވަނީ ވަރަށް ބޮޑަށް ތަރައްގީގައި ފަހަތައް ގޮއްސަ. ވަރަށް ގިނަ ރަށްތައް ވަނީ މިނުބައި އޮއިވަރުގައި ޖެހި ތަރައްގީ ހުއްޓިފައި. އެހެން ކަމުން ތަރައްގީ ބޭނުން ކަމަށް ވަނީ ނަމަ ހަމަޖެހުމަކީ އެންމެ ފުރަތަމައަށް ގާއިމް ކުރަން ޖެހޭ ކަންތައް،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ބޭރު ގައުމުތަކަށް ބަލާއި އިރު ވެސް މިފަދަ މިސާލުތަކެއް ފެންނަން އެބަހުރި ކަމަށާއި އެގޮތުން ސިންގަޕޫރު ތަރައްގީވެފައި ވަނީ އެގައުމުގެ މީހުން މެދުގައި ހުރި ސިޔާސީ ހަމަޖެނުޖެހުމުގެ ބަދަލުގައި، ގައުމުގެ ތަރައްގީ އިސްކޮށްގެން މަސައްކަތް ކުރުމުން ކަމަށެވެ. ޔޫރަޕުގެ ބައެއް ގައުމުތަކުން ކުރިން އޮތް ހަމަޖެހުން ގެއްލެމުން ދިއުމުގެ ސަބަބުން އެގައުމުތަަށް މިހާރު ފަހަތަށް ޖެހެމުންދާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.