މީހުން މެރުން

ޖައިލަމްގެ މަރު: 10 އަހަރު ފަހުން އިސްތިއުނާފް ފަށަނީ

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މީގެ 10 އަހަރު ކުރިން މަރާލި ޖައިލަމް އަހްމަދު ޝާކިރުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތުނުވެ، ސަލާމަތްވި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ފެބްރުއަރީ، 2015 ގައި ދަރުބާރުގެ ކައިރީގައި ހ. ހަންޑްރެޑްފްލާވާސް ޖައިލަމް އަހްމަދު ޝާކިރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި، ވ. ސިނަމާލެ އިސްމާއިލް އަނީގާއި، ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

މީގެ ތެރެއިން ތިން މީހެއްގެ އިސްތިއުނާފު މާދަމާ ހެނދުނު ހައިކޯޓުގައި ފެށުމަށް އޮތީ ތާވަލުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ ދައުވާ ލިބޭ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެކި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. މި މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ 2022 ވަނަ އަހަރު އެވެ.

ގާޒީ ވިދާޅުވީ ދައުވާ ލިބޭ ނަސީބު ސައީދާއި އަނީގުގެ އިތުރުން އިރުފާނާ ދެކޮޅަށް ހެކިބަސް ދިނީ އެންމެ ހެކިވެރިއަކު ކަމަށާއި ދެން ތިބި ހުރިހާ ހެކިންނަށް އެ މީހުން އެ ހާދިސާ ހިނގި ސަރަހައްދުން ފެނިފައި ނުވާ ކަމަށެވެ. އަދި މަންޒަރު ދުށް ކަމަށް ބުނި ހެކިވެރިޔާ ވެސް، ފަހުން ހެކިބަސް އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނެ ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށް ގާޒީ ޝަފީއު ވިދާޅުވި އެވެ.

އެ ސިޓީގައި ހެކިވެރިޔާ ބުނެފައިވާ ގޮތުން ކުރިން އެގޮތަށް ހެކިބަސް ދިނީ މަސްތުވެގެން ހުއްޓާ ފުލުހުންގެ އެދުމުގެ މަތިންނެވެ. އެކަން ކަށަވަރު ކުރަން ކޯޓުން މަސައްކަތް ކުރިޔަސް އޭނާ ހާޒިރެއް ނުކުރެވުނެވެ. އޭނާއަކީ ވައްކަމުގެ ދެ ކުށެއް ސާބިތުވެފައިވާ މީހެކެވެ.

ގާޒީ ވިދާޅުވީ އެ ހެކިވެރިޔާ ތަހުގީގުގައި ނުދައްކާ ވާހަކަތަކެއްވެސް އޭނާގެ ހެކި ބަހުގައި ބުނެފައިވާ ކަމަށެވެ. އަދި ހެކި ބަހުގައި ދައްކާފައިވާ ވާހަކަތަކަށް ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ބަލާއިރު ސުވާލު އުފެދޭ ކަންކަން ހުރި ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. އަދި އޭނާގެ ވައްކަމުގެ ދެ ކުށެއް ސާބިތުވެފައި އޮތުމާއި މަސްތުގެ ހާލަތުގައި ހުރެ ހެކިބަސް ދިން ކަމަށް ބުނެ ފަހުން ސިޓީ ފޮނުވިކަން ގާޒީ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ދައުވާ ލިބޭ ހުމައިދާ ދެކޮޅަށް އެއްވެސް ހެއްކަކު ކޯޓުގައި ހެކިބަސް ދީފައި ނުވާ ކަމަށް ގާޒީ ޝަފީއު ވިދާޅުވި އެވެ. އެ ހާދިސާއަށް ފަހު ހުމައިދު ރާއްޖެ ދޫކޮށް ފިލައިގެން ސްރީލަންކާގައި އުޅެފައިވާތީ ގާޒީ ވިދާޅުވީ އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވިދާނެ ސަބަބަކަށް ވިޔަސް، މަންޒަރު ފެނުނު މީހަކު ނެތީސް، އެކަމުގެ މައްޗަށް އެކަނި ބިނާކޮށް އޭނާގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. ހުމައިދުގެ އިސްތިއުނާފެއް މާދަމާ ނެތެވެ.

ގާޒީ ވިދާޅުވީ ދައުލަތުން 16 ހެއްކަކު ހުށަހެޅިޔަސް، 11 ހެއްކަކު ކޯޓަށް ހާޒިރު ނުވާ ކަމަށެވެ. އެ މީހުން ހާޒިރު ކުރަން އެކިފަހަރު މަތިން މަސައްކަތް ކުރުމުންވެސް އެ މީހުން ހާޒިރު ނުކުރެވޭތީ އެ މީހުން ތަހުގީގަށް ދިން ބަޔާންތަކަށް ކޯޓުން ރިއާޔަތް ނުކުރެ އެވެ. އަދި ސަރަހައްދުން ފެނުނު ފިންގަޕްރިންޓާއި ޑީއެންއޭވެސް ދައުވާ ލިބޭ މީހުންނާ ގުޅުވޭނެ ފޮރެންސިކް ހެއްކެއް ފެނިފައެއް ނުވެ އެވެ.

މާލޭގެ އެކި ސަރަހައްދުގެ ވީޑިއޯ ފުޓޭޖްތަކެއް ދައުލަތުން ހުށަހެޅިޔަސް އޭގެ ޗެއިން އޮފް ކަސްޓަޑީއެއް ހުށަހަޅާފައި ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވުމުން އެއީ ކޮން ތަނަކުން ނެގި އެއްޗެއް ކަން ކަށަވަރު ނުކުރެވޭނެ ކަމަށާއި އަދި އެ ވީޑިއޯ ތަހުލީލު ރިޕޯޓް ހެދުމަށް ފޮރެންސިކާ ހަމައަށް ދިޔަ އިޖްރައާތުގެ ސައްހަކަން ކަށަވަރު ނުކުރެވޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ އިތުރަށް ވިދާޅުވީ ވީޑިއޯތަކުގެ ޗެއިން އޮފް ކަސްޓަޑީ ލިބިފައި އޮތް ކަމަށް ބެލިޔަސް އެ ވީޑިއޯތަކުން ފެންނަ މީހުންގެ މޫނު އެނގޭ މިންވަރު ނުވާ ކަމަށް އޭގެ ތަހުލީލު ރިޕޯޓުގައި ބުނާ ކަމަށެވެ. އެ ރިޕޯޓުގައި އޮތް ގޮތުން ދައުވާ ލިބޭ މީހުންނާ ދިމާވަނީ ހަމައެކަނި ހަށިގަނޑުގެ ސިފަތައް ކަމަށް ވިދާޅުވި އެވެ. އެހެންވެ، ވީޑިއޯތަކުން ފެންނަނީ ދައުވާ ލިބޭ މީހުން ކަމަށް ބުނެވޭނެ ހަމައެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.