މީހުން މެރުން

ސާލިމް މަރަން ހައިކޯޓުންވެސް ހުކުމްކޮށްފި

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި ބަންގްލަދޭޝް މީހަކު މަރަން ކުރި ހުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފި އެވެ.

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވަނީ ޝާހް އަލޮމް މިއާ (ސާލިމް) ކިޔާ ބަންގަލަދޭޝް މީހެކެވެ. އޭނާ މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން މިއަދު ތާއީދު ކުރީ، މައްސަލަ ބެލި ފަނޑިޔާރުން އަގުލަބިއްޔަތުންނެވެ.

އޮކްޓޫބަރު 2021 ގައި ދަނގެތީ ފަޅުގެއެއްގެ ތެރޭގައި ތޫނު އެއްޗިއްސާއި ދަގަނޑު ބުރިން ހަމަލާދީގެން މަހްމޫދު މަރާލުމަށްފަހު ވަޅެއްގެ ތެރެއަށް ވައްޓާލި މައްސަލާގައި އެ ރަށުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމް މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރު އެވެ. އެ ހުކުމް އިސްތިއުނާފްކުރަން ސާލިމްގެ ފަރާތުން ހުށަނޭޅުމުން އެ މައްސަލަ ހައި ކޯޓަށް ދައުލަތުން ހުށަހެޅީ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ސާލިމް މަރަން ކުރި ހުކުމަށް ބަދަލެއް ގެންނަން ނުފެންނަ ކަމަށް ނިންމިއިރު، ދެން އިންނެވި ފަނޑިޔާރު ވިދާޅުވީ އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބަލަން ޖެހޭ ކަމަށެވެ. އަގްލަބިއްޔަތު ރައުޔުގައިވަނީ ސާލިމް ދަށު ކޯޓުގައި ވެފައިވާ އިއުތިރާފާއި ދެން ހުރި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި މަހްމޫދުގެ ވާރިސުން ބޭނުންވަނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ސާލިމްގެ ކިބައިން މަރަށް މަރު ހިފުމަށް ކަމަށްވާތީ، އޭނާ މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ނިންމެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

އެ މައްސަލައިގައި ރައުޔު ތަފާތުވީ ރިޔާސަތު ފަނޑިޔާރު ހަސަން ޝަފީއު އެވެ. ޝަފީއުގެ ހުކުމަކީ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބެލުމެވެ.

ސާލިމްގެ މަރުގެ ހުކުމް ހައި ކޯޓުން ދެމެހެއްޓިއިރު، ސާލިމް ތަހުގީގާއި ދަށު ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެކަމަކު އޭގެފަހުން ހައި ކޯޓުގައި އޭނާ އަނެއްކާވެސް އެދުނީ އޭނާގެ މަރުގެ ހުކުމް ދެމެހެއްޓުމަށެވެ.