ހަބަރު

ނަޖިސް ހޮޅި ފަޅައިލީ ގަސްދުގައި އެމްޑީޕީން: އަބްދުއް ރަހީމް

ރަސްފަންނު ކައިރިން ނަޖިސް ހޮޅިއެއް ފަޅައިލީ ގަސްދުގައި އެމްޑީޕީް ކަމަށާއި އެކަން އެގޮތަށް ކޮށްފައި ވަނީ ގިނަ ބަޔަކު ހިތްހަމަ ޖެހިގެން ރަސްފަންނު ބޭނުން ކުރަމުން އަންނާތީ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.

އަބްދުއްރަހީމް މިގޮތަށް ތުހުމަތުކޮށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި އިރު ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ވެސްޓްޕާކާ ދިމާއިން މޫދަށް ބާލާފައި އޮންނަ ނަޖިސް ހޮޅިން ލީކެއްވީ ގަސްދުގައި ބަޔަކު އެ ހޮޅި ފަޅާލައިގެންކަން ނުވަތަ ނޫންކަން ބުނަން ދަތި ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ޕާޓްނާޝިޕް ގާނޫނަށް ކުރެއްވި ބަހުސް ކުރެއްވި އިރު އަބްދުއް ރަހީމް ވިދާޅުވީ ފަހަކަށް އައިސް މާލޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިއްފަސޭހަ ކޮށްލައި ހިންހަމަޖައްސާލަން ވަގުތު ހޭދަ ކުރަންދާ ތަނަކީ ރަސްފަންނު ކަމަށާއި އެމްޑީޕީ އޮންނަނީ އެކަމާ ވަރަށް ކަންބޮޑުވެފައި ކަމަށެވެ. އެހެންވެގެން ނަޖިސް ހޮޅި ފަޅައިލީ ކަމަށެވެ.

"އެތަނަށް މޫދަށް އެރޭ މީހުންގެ ހިތްހަމަޖެހި، އެތަނަށްދާ މީހުންގެ ހިތްތަކުގައި ރައީސް ޔާމީނާމެދު ހާއްސަ ގަދަރެއް ދެވޭތީ އަދި އިދިކޮޅު ފަރާތްތައް ވެސް ރައީސް ޔާމީން ކުރައްވާ މަސައްކަތްތައް ބަލައިގަންނަމުން ދާތީ އެކަމާމެދު ހިތްހަމަ ނުޖެހިގެން އެމްޑީޕީ މީހުން ބީޗާއި ދިމާލުން އޮތް ހޮޅި ގަސްތުގައި ފަޅައިލީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރަސްފަންނާއި ކައިރިން ކަނޑާއި ހަމަޔަށް އަޅާފައި އޮތް ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް މޫދަށް ނަޖިސް ލީކުވާ ކަން އެނގުމުން ހައުސިން މިނިސްޓްރީން މިހާރު ވަނީ ރަސްފަންނަށް މޫދަށް އެރުން ވަގުތީ ގޮތުން މަނާކޮށް ނަޖިސް ހޮޅި މަރާމާތުކޮށްފައެވެ. މޫދަށް އެރުމުގެ ހުއްދަ އަލުން ދޭނީ އެ ސަރަހައްދުގެ މޫދުގެ ޓެސްޓްތައް އަލުން ހެދުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.