ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ 50 މީހުން ހޮވައިފި އެވެ.
ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ހަރަދުގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ވައުދު ފުއްދުމުގެ ގޮތުން މިދިޔަ އަހަރުވެސް ފުރަތަމަ 50 މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާފަ އެވެ.
ސަރުކާރުގެ ހަރަދުގައި ހައްޖަށް މީހުން ގެންދިއުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތު ހަމަވާ 302 މީހެއްގެ މެދުގައި ގުރުއަތުލުން މިއަދު ކުރިއަށް ގެންދިޔައީ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ހައްޖު ދަތުރުގައި ބައިވެރި ނުވެވޭ ހާލަތެއް އެއްވެސް މީހަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ހައްޖަށް ފޮނުވާނެ 10 މީހުންވެސް ގުރުއަތުން ހޮވާފަ އެވެ.
ސަރުކާރުުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުންނަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބަލަހައްޓަމުން ގެންދާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނެވެ. ޒަކާތު ހައުސް އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަގީރުންގެ ދަފްތަރު މުރާޖައާވެސް ކޮށްފަ އެވެ.