ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު އަންނަ އަންގާރަ ދުވަހު

Mar 24, 2016

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހަފްތާގެ އަންގާރަ ދުވަހަށް އެޖެންޑާ ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ ރިޔާސަތު މިދުވަސްކޮޅު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ އަންގާރަ ދުވަހަށް އެޖެންޑާ ކުރާކަން އަންނަ ހަފްތާ ފެށުމާ އެކު މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް އަންގާނެ ކަމަށެވެ. އިތުބާރުނެތް ކަމުގެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ ރައީސްއަށް މިހާރު ވަނީ އިދާރާ އިން ފޮނުވައިފަ އެވެ.

ހުޅުމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ތަކުރާރުކޮށް ކަންކަން ކުރައްވަމުން ގެންދިޔުމުން މަޖިލީހުގެ ކަރާމާތާއި ޝަރަފަށް ހުތުރު ނަން ލިބޭ ކަމަށް ވިދާޅުވެ އެވެ. މީގެ އިތުރަށް، މަޖިލީހުގެ އުސޫލުތަކާ ހިލާފަށް ސަރުކާރުން ބުނާހާ ކަމެއް ކުރުމަށް ޖާގަ ދެއްވުމުގެ ސަބަބުން މަޖިލީހުގެ ނިޒާމު ގެއްލި ބޮޑެތި ހަމަނުޖެހުންތައް ހިނގައި މަޖިލީހުގެ އުސޫލުތައް އެކީ ނެތިގެން ގޮސްފައި ވަނީ މަޖިލީހުގެ ރައީސްގެ ސަބަބުން ކަމަށް ރޮޒައިނާ ހުށަހެޅުއްވި މައްސަލައިގައިވެ އެވެ. އެ މައްސަލަ އޭނާ ނިސްބަތްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި ތިއްބެވި ސަރުކާރާ ދެކޮޅު މެންބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ދެ ގަނޑިއިރު ވަނީ މަޖިލީހުގެ އާންމު ކޮމިޓީ އިން ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން ބައިގަނޑި އިރު ހާއްސަ ކޮށްފައި ވަނީ މައްސަލަ އަށް މަސީހު ޖަވާބުދާރީވެ ވަޑައިގަތުމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 42 މެންބަރުންގެ ވޯޓުންނެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނަށް އެންމެ ގިނައިން ވެސް ލިބޭނެ ކަމަށް ބެލެވެނީ 26 ވޯޓެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެފައި ވަނީ އެ މައްސަލަ ފާސްވިޔަ ނުދެއްވާނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާތީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.