ހަބަރު

ރާއްޖެއިން އޮމްނިއާއަށް ފައިސާ ލިބުނު ގޮތުގައި މައްސަލައެއް ނެތް: އެސްއާރުއައި

Mar 24, 2016
1

ރާއްޖެއަށް ކޮށްދިން ޕީއާރު މަސައްކަތަށް، އިނގިރޭސި ލޯފާމް، އޮމްނިއާ ސްޓްރެޓެޖީއަށް ފައިސާ ދެއްކީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާތަކަކުން ކަމަށް ތުހުމަތު ކުރެވުނު މައްސަލަ ސާބިތު ނުވާ ކަމަށް އިނގިރޭސިވިލާތުގެ ކަމާ ބެހޭ އިދާރާ އިން މައްސަލަ ތަހުގީގުކޮށް ނިންމައިފި އެވެ.

އެފަދަ މައްސަލަތައް ތަހުގީގު ކުރާ، އިނގިރޭސި މައިއިދާރާ ދަ ސޮލިސްޓާޒް ރެގިއުލޭޝަން އޮތޯރިޓީ (އެސްއާރުއޭ) އާ ހަވާލާދީ އިނގިރޭސި ޓެބްލޮއިޑް ނޫސް، ޑެއިލީ މެއިލް އިން ބުނީ، އޮމްނިއާގެ މަސައްކަތަށް ދިވެހި ސަރުކާރުން އެ ކުންފުންޏަށް ދެއްކި، 420،000 ޕައުންޑް ދެއްކުމުގެ އެއްވެސް، "ކޮރަޕްޝަނެއް" ނޫނީ އެހެން ވެސް ނަހަމަ ކަންތައްތަކެއް ހިނގާފައި ނުވާކަން އެސްއާރުއޭ އިން ކުރި ތަހުގީގު ތަކުން ހާމަވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ހޯދެން ހުރި ހުރިހާ ހެކިތަކެއް ހޯދައި މައްސަލަ ބެލި ނަމަވެސް އޮމްނިއާ މެދު ފިޔަވަޅު އަޅަން ޖެހޭ އެއްވެސް ކަމެއް ނެތުމުން އެ މައްސަލަ އިތުރަށް ބެލުން ހުއްޓާލާފައިވާ ކަމަށް އެސްއާރުއޭ އިން ވަނީ އެ ނޫހުގައި ބުނެފަ އެވެ.

އެހެން ނަމަވެސް، އޮމްނިއާ އަށް ފިޔަވަޅެއް ނާޅަނީ ކީއްވެ ކަމެއް އަދި އެ މައްސަލަ ސާބިތު ނުވަނީ ކީއްވެ ކަމެއް ވެސް އެސްއާރުއޭ އިން ހާމަކޮށްފައެއް ނުވެ އެވެ. އިނގިރޭސި ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާގެ އަނބިކަބަލުން ޝެރީ ބްލެއާގެ އޮމްނިއާއަށް ފިޔަވަޅު ނާޅަން ނިންމުމުން އެ ނިންމުމާ މެދު އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ސުވާލުތައް އުފައްދަވަމުންނެވެ. އަދި އުސޫލުތަކާ ހިލާފަށް ޝައްކު ކުރެވޭ ގޮތަކަށް އޮމްނިއާ އަށް ފައިސާތަކެއް ލިބިފައިވާކަން ހެކިތަކުން ފެންނަން އޮތް އިރު، އެކަން ސާބިތު ނުކުރެވުނީ ކީއްވެގެންތޯ ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

ޑެއިލީ މެއިލް އިން މީގެ ކުރިން ފެންމަތި ކުރި ރިޕޯޓްތަކުން އެނގޭ ގޮތުގައި، އޮމްނިއާއަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 210،000 ޕައުންޑް ދެއްކީ ބޭންކް އޮފް ސިލޯންގެ ރާއްޖެ ބްރާންޗްގައި އެމްސީ މޯލްޑިވްސް ކިޔާ އަމިއްލަ ކުންފުންޏެއްގެ ނަމުގައި އޮންނަ އެކައުންޓަކުންނެވެ. އަދި އެ ކުންފުނީގެ ވެރިޔާ އަބްދުﷲ ރާފިއު، ރޫޓް ރާއްޕެ ޑެއިލީ މެއިލްގައި ބުނެފައި ވަނީ އެ ފައިސާ އޭނާގެ ކުންފުނިން ދެއްކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި އެންމެ ތުހުމަތު ކުރެވި، ފިލައިގެން އުޅޭ މުހައްމަދު އައްލާމް ލަތީފް، މޮހޯ ގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެކަން މޮހޯ ކޮށްފައި ވަނީ އޭނާއަށް އޮޅުވާލައިގެން ކަމަށް ވެސް ބުނެފައިވެ އެވެ. ފަހުން ހާމަވެފައިވާ ގޮތުގައި އޮމްނިއާއަށް ދެއްކި 210،000 ޕައުންޑަކީ ނައިބު ރައީސްއަކަށް އޭރު ހުންނެވި އަހުމަދު އަދީބު އަމިއްލަފުޅަށް ހޯއްދެވި ހިދުމަތްތަކަކަށް އެމަނިކުފާނު ދެއްކި ފައިސާ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނެފައި ވަނީ ސަރުކާރުން އޮމްނިއާއަށް ފައިސާ ދެއްކީ ފިނޭންސް މިނިސްޓްރީގައި އޮންނަ އުސޫލުތަކުގެ ތެރެއިން ސަރުކާރުގެ ޕަބްލިކް ބޭންކް އެކައުންޓުން ކަމަށެވެ.