ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން ތިން ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މީހުން ހާޒިރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ ރ. ގައި މިހާރު އޮތް ގޮތުން މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރުކުރެވޭނީ އެ ކޮމިޓީއަކަށް އެ ފަރާތެއް ހާޒިރުކުރުމަށް ނިންމާ ތާރީހާއި ހާޒިރުވުމަށް ތާވަލުކުރާ ތާރީހާ ދެމެދު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ސާފު ފަސް ދުވަސް ދިނުމަށްފަހު އެވެ.
މެންބަރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރުކުރެވޭނީ އެ ކޮމިޓީއަކަށް އެ ފަރާތެއް ހާޒިރުކުރުމަށް ނިންމައި ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ތިން ދުވަސް ދިނުމަށްފަހު ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ އ. އިސްލާހުކުރަންވެސް މެންބަރު ހުށަހެޅުއްވި އެވެ.
އެ މާއްދާގައި މިހާރު އޮތް ގޮތުން މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް އެދެވޭނީ އެ ކަމަކަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ސާފު ފަސް ދުވަސް ދިނުމަށްފަހު އެވެ.
މެންބަރު ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މުއްދަތުވެސް ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ތިން ދުވަހަށް ކުރުކުރުމަށް ހުށަހަޅުއްވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރަން ވަނީ އާންމު ކޮމިޓީއަށް ފޮނުވާފަ އެވެ.