ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން ތިން ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މީހުން ހާޒިރުކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު އެވެ.
މެންބަރު އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ ރ. އަދި އެ މާއްދާގެ އ. އަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ ރ. ގައި ބުނެފައިވަނީ މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރުކުރެވޭނީ އެ ކޮމިޓީއަކަށް އެ ފަރާތެއް ހާޒިރުކުރުމަށް ނިންމާ ތާރީހާއި ހާޒިރުވުމަށް ތާވަލުކުރާ ތާރީހާ ދެމެދު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ސާފު ފަސް ދުވަސް ދިނުމަށްފަހު ކަމަށެވެ.
މެންބަރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް ފަރާތެއް ހާޒިރުކުރެވޭނީ އެ ކޮމިޓީއަކަށް އެ ފަރާތެއް ހާޒިރުކުރުމަށް ނިންމައި ނޯޓިސް ފޮނުވާ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ތިން ދުވަސް ދިނުމަށްފަހު ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގެ އ. ގައި ބުނަނީ މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައިނުވާ ހާލަތްތަކުގައި މަޖިލީހުގެ ކޮމިޓީއަކަށް އެއްވެސް މައުލޫމާތެއް ހޯދުމަށް ނުވަތަ ކަމެއް ސާފުކުރުމަށް ނުވަތަ ވަކި ލިޔުމެއް ހޯދުމަށް އެދެވޭނީ އެ ކަމަކަށް އެދޭ ތާރީހުން ފެށިގެން ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ސާފު ފަސް ދުވަސް ދިނުމަށްފަހު ކަމަށެވެ.
މެންބަރު ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ މުއްދަތުވެސް ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ތިން ދުވަހަށް ކުރުކުރުމަށް ހުށަހަޅުއްވާފަ އެވެ.
މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ގެންނަން ފާސްވީ ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުންނެވެ.