ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ރައީސް އޮފީހުން ޖުމްލަ ހަރަދުކުރީ 153،689.92 ރުފިޔާ ކަމަށް އެ އޮފީހުން ހާމަކޮށްފި އެވެ.
ރައީސް އިނގިރޭސިވިލާތަށް ދަތުރުކުރެއްވީ މިމަހުގެ 1 ވަނަ ދުވަހުން ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ލިވަޕޫލް ފުޓްބޯލް ކްލަބް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑް ކެމްޕޭން ހަރަކާތް ފެށުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފަހުގެ ވަސީލަތްތަކާއެކު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވާ ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާއި ކުރި އަރަމުންދާ އުންމީދީ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދެވޭނެ ގޮތްތަކާއިމެދު މަޝްވަރާ ކުރެއްވި އެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވި އެވެ. އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލީޑްސް އަށް ޒިޔާރަތްކުރައްވާ ރާއްޖެއާ އެ ޔުނިވާސިޓީން އެކުގައި ކުރެވިދާނެ މަސައްކަތްތަކާމެދު ވަނީ މަޝްވަރާކުރައްވާފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނަންބަރު 9 ރޯޒްމަންޓް އެވެނިއު މޯލްޑިވްސް ސްޓޫޑަންޑްސް އެސޯސިއޭޝަން -ޔޫކޭ އާ އަލުން ހަވާލުކުރައްވާފަ އެވެ.