ހަބަރު

ސިޓީ ކައުންސިލަރުންގެ މުސާރަ އިއާދަކޮށްދޭން އެލްޖީއޭއިން މަޖިލީހުގައި އެދެފި

Mar 27, 2016

ސިޓީ ކައުންސިލަރުންނަށް ދޭ މުސާރަ ކުޑަކުރި ކުޑަކުރުން މަޖިލީހުން ނިންމި ނިންމުން އަލުން އިއާދަކޮށްދޭން އެލްޖީއޭގެ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިފި އެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތަކުން 50 ޕަސެންޓް އުނިކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ނިންމައި އެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ، މިއީ ސިޓީ ކައުންސިލްތަކުގައި ސަރުކާރުގެ މެޖޯރިޓީ ނެތުމުން އެ މީހުންނަށް ޖެއްސުން ކުރުމުގެ ގޮތުން ހިންގި އަމަލެއް ކަމަށެވެ.

އެހެން ނަމަވެސް އެލްޖީއޭގެ ރައީސް އުމަރު ނަސީރު ސޮއި ކުރައްވައި މިދިޔަ ހަފްތާ މާލިއްޔަތު ކޮމިޓީގައި އެދިފައި ވަނީ ސިޓީ ކައުންސިލަރުންގެ ކުޑަކުރި މުސާރަ ކުރިން ވެސް ހުރި މިންވަރަށް އިއާދަ ކޮށް ދިނުމަށެވެ. އެ މައްސަލަ މާލިއްޔަތު ކޮމިޓީ އިން މިހާރު ވަނީ ދިރާސާ ކުރަން ސަބް ކޮމިޓީއަކަށް ވެސް ފޮނުވައިފަ އެވެ. އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ ސިޓީ ކައުންސިލްތަކުން އެލްޖީއޭއަށް ހުށަހެޅި ޝަކުވާ އަކާ ގުޅިގެން ބޯޑްގައި މައްސަލައާ މެދު މަޝްވަރާ ކުރުމަށް ފަހު އަގުލަބިއްޔަތުން ނިންމީ ސިޓީ ކައުންސިލަރުންގެ މުސާރަ ކުރިން ވެސް ހުރި ވަރަށް އިއާދަ ކުރަން ކަމަށެވެ.

މަޖިލީހުން ގެނައި ބަދަލާ އެކު ސިޓީ ކައުންސިލަރުންނަށް މުސާރަ އާއި އިނާޔަތްތަކުގައި ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ 11،500ރ. އެވެ. މޭޔަރުންނަށް 18،000ރ. ލިބިވަޑައިގަންނަވާ އިރު، ޑެޕިއުޓީ މޭޔަރަށް ލިބިވަޑައިގަންނަ ވާނީ 15،000ރ. އެވެ. މުސާރަ ކުރިން ހުރި ވަރަށް އިއާދަ ކޮށްފި ނަމަ، މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މޭޔަރަކަށް 45،000ރ. އަދި ޑެޕިއުޓީ މޭޔަރަށް 35،000ރ. ކޮންމެ މަހަކު ވެސް ލިބޭނެ އެވެ.

އެބޭފުޅުންގެ މުސާރަތައް ކުޑަ ކުރީ ދައުލަތުގެ މުއައްސަސާތަކުގެ ހަރަދު ކުޑަކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ކަމަށް އޭރު ވަނީ ބުނެފަ އެވެ. ސިޓީ ކައުންސިލްތަކުގައި އެމްޑީޕީގެ މެޖޯރިޓީ އޮންނާތީ ދެ ފަރާތުން ވެސް އަނެއް ފަރާތަށް ޖެއްސުން ކުރުމުގެ ކަންތައްތައް އަބަދުވެސް ހިނގަ އެވެ.