އެމްޑީޕީ

ލާހޯރަށް ދިން ހަމަލާ އެމްޑީޕީއިން ކުށްވެރިކޮށްފި

ޕާކިސްތާނުގެ، ޕަންޖާބްގެ ވެރިރަށް ލާހޯރުގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ އަދި އެތައް ބަޔަކަށް އަނިޔާލިބި ޒަހަމްވެފައިވާތީ އެ ހަމަލާ އެމްޑީޕީއިން ކުށްވެރިކޮށްފި އެވެ.

ޕާކިސްތާނުކުގެ ލާހޯރުގެ ގުލްޝަން އިގްބާލް ޕާރކް ސަރަހައްދުގައި އިއްޔެ ގިނަ އަދަދެއްގެ ކުޑަކުދިންނާއިއެކު އާއިލާތަށް ޕާރކަށް ގޮސްއުޅެނިކޮށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން ގިނަ ކުޑަކުދިންނާއި އާންމު އެތަކެއް ރައްޔިތުންތަކެއް މަރުވެ، އަދި އޭގެ އިތުރުން އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ.

ހަމަލާ ކުށްވެރިކޮށް މިއަދު އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އާންމު ރައްޔިތުންނަށާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ދިން މި ޓެރަރިސްޓް ހަމަލާތަކުން ވެސް އެނގެނީ ޓެރަރިޒަމްގެ ނުރައްކާ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޓެރަރިޒާމާ ދެކޮޅަށް މުޅި ދުނިޔޭގެ ހުރިހާ ގައުމުތަކުންނާއި ޖަމާއަތްތަކުން އެކުގައި މަސައްކަތްކޮށްގެން މެނުވީ ޓެރަރިޒަމުގެ ނުރައްކަލުން ގައުމުތަކާއި ރައްޔިތުން ރައްކާތެރިކުރެވެން ނެތް ކަމަށެވެ.

"އެހެންކަމުން ގައުމުތަކުގައި ޓެރަރިޒަމާ ގުޅޭ ގާނޫނުތައް ހެދުމުގައާއި އަދި އެ ގާނޫނުތައް ހިންގުމުގައާއި ސިޔާސަތުތައް ކަނޑައެޅުމުގައި ސީރިއެސް ކަމާއިއެކު، އަދި މާނަހުރިގޮތުގައި އެކަންކަންކުރުން މުހިއްމުވެގެންވެއެވެ. މިގޮތުން މި ދިވެހިރާއްޖޭގައި ޓެރަރިޒަމަކީ ކުރިން ނެތް ނުރައްކަލެއްކަމަށް ވިޔަސް ފަހުގެ ތާރީހުގައި ޓެރަރިޒަމާ ގުޅޭ އަމަލުތައް ދިވެހިންނާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ވަރަށް ބާރަށް ކުރިއަށް ގެންދާކަމުގެ ސައްހަ މައުލޫމާތުތައް ލިބެމުންދިއުމާއި، މިގޮތުން ޓެރަރިޒަމަށް ފައިސާ ޖަމާކުރުމާއި ޓެރަރިސްޓުން ރެކްރޫޓުކުރުމުގެ އަމަލުތައް ހިންގާކަމުގެ ސައްހަ މައުލޫމާތުތައް ބައިނަލްއަގުވާމީ ފަރާތްތަކުން ހާމަކުރަމުންދާއިރު ދިވެހި ސަރުކާރުން އެކަން ސިއްރުކޮށް އަދި ދޮގުކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ދުނިޔޭގެ ގައުމުތަކުންނާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގައި އިހުލާސްތެރިކަން ބެހެއްޓުމަށް އެމްޑީޕީ އިން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.