ހަބަރު

ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން ދިދަ ނަގައިފި

ފުލުހުންގެ ހިދުމަތަށް 83 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ހުސެން އާދަމް ބިލްޑިިން ކުރިމަތީ މިރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރު އެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ސައުދީ އާއި އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ނޮންކޮމިޝަންޑް އޮފިސަރުންނާއި ސިވިލް މުވައްޒަފުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

ފުލުހުންގެ އަހަރީ ދުވަސް ފެށުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތުގައި 12:00 ޖެހި އިރު ހުސެއިން އާދަމް ބިލްޑިންގައި ހުންނަ ދިވެހިރާއްޖޭގެ ދިދަ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ދިދަ ވަނީ ނަގައިފަ އެވެ. އަދި ރަސްމިއްޔާތު ނިންމާލީ ހާޒިރުވި ހުރިހާ ފުލުހުން ކުރި ދުއާއަކުންނެވެ.

ރާއްޖޭގައި ފުލުހުންގެ ހިދުމަތް ރަސްމީ ހިދުމަތެއްގެ ގޮތުގައި ފެށިފައިވަނީ 1932 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީ އެކުލަވައިލެވި ގާނޫނު އަސާސީގައި ކަނޑައެޅުނު ފަދައިން އޭރު ހުންނެވި ރަދުން އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި 1933 ވަނަ އަހަރު މާޗް 29 ވަނަ ދުވަހު އެވެ.

ފުލުހުންގެ ހިދުމަތް ސިފައިންގެ ހިދުމަތާއި އެއްފުރާޅެއްގެ ދަށުން ދެމުން އައިސް ސިފައިންނާއި ފުލުހުންގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު އޭރުގެ ރައީސުލް ޖުމުހޫރިއްޔާ މައުމޫނު އަބްދުލް ގައްޔޫމު އެވެ.