ހަބަރު

ޖޮގިން ޓްރެކްގެ މަސައްކަތް އަންނަ ހަފްތާގައި ފަށަނީ

މާލޭ ހުޅަނގު ފަރާތުގައި ޖޮގިން ޓްރެކް އެޅުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފަށާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ. ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ހަބީބު ރޭ ވިދާޅުވީ އެންމެ އަވަހަށް ފަށާނެ އެއް މަސައްކަތަކީ ރަސްފަންނު ސަރަހައްދުން ސުނާމީ ބިނާ މައިޒާނަށް ދަމާލެވޭ ސިންތެޓިކް ޖޮގިން ޓްރެކްގެ މަސައްކަތް ކަމަށާއި އެގޮތުން އެ މަސައްކަތް ކުރަން ކޮންޓްރެކްޓަރެއް ހޮވައި ޑިޒައިންގެ މަސައްކަތްތައް ވެސް ނިންމާފައިވާ ކަމަށެވެ.

"ޖޮގިން ޓްރެކް އަޅަން ބޭނުންވާ ސިންތެޓިކް ރަބަރު މިހާރު މިވަނީ އޯޑަރު ކުރެވިފައި. މިމަހުގެ 31 ގައި އެތަކެތި ހިފައިގެން އަންނަ ބޯޓު ރާއްޖެ އަންނަން ފުރާނެ. އެހެންވެ އަންނަ ހަފްތާގަ އެ މަސައްކައް ފަށަން އަޅުގަނޑުމެން ވަނީ ނިންމާފަ،" ހަބީބު ވިދާޅުވި އެވެ.

މާލޭ ހުޅަނގު ފަރާތުގައި ޖޮގިން ޓްރެކެއް އެޅުމަށް ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްނާމީ ބިނާ މައިޒާން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މުއިއްޒު ވިދާޅުވީ މި ޖޮގިން ޓްރެކުގެ ދިގު މިނުގައި 700 މީޓަރު ހުންނާނެ ކަމަށާއި އަދި ފުލާ މިނުގައި 1.2 މީޓަރު ހުންނާނެ ކަމަށެވެ.

މާފަންނު ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އިރު ހަބީބު ވިދާޅުވީ ދެން ތަރައްގީ ކުރަން ފަށާނީ މާލޭގެ އިރުމަތީ ސަރަހައްދު ކަމަށެވެ. އަދި އެއަށް ފަހު މާލެ ވަށައި ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ކުރޔިަށް ގެންދާނެ ކަމަށެވެ.