ހަބަރު

ވަން ސްޓޮޕް ސެންޓަރެއް މާލޭގައި ގާއިމް ކުރަނީ

ކައުންޓަރުތަކުން ދޭ ހުރިހާ ހިދުމަތްތައް އެއްތަނަކުން ދިނުމަށް މާލޭގައި "ވަން ސްޓޮޕް ސެންޓާ"އެއް ގާއިމް ކުރަން ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ކައުންޓަރު ބަހައްޓައިގެން ރައްޔިތުންނަށް ދޭ ހުރިހާ ހިދުމަތަކަށް މާލޭގައި ވަން ސްޓޮޕް ސެންޓަރެއް ގާއިމް ކުރަމުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ސެންޓަރުގެ ޑިޒައިންއާ ޕްލޭނިން ސްޓޭޖްގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.

"މިތަނަކީ ޕާސްޕޯޓު ހެއްދުމާއި އައިޑީކާޑު ހެދުން ފަދަ ކައުންޓަރުތަކުގައި ކިއޫ ޖައްސައިގެން ކުރަންޖެހޭ ހުރިހާ ހިދުމަތެއް އެއްތަނަކުން ދިނުމަށް ހަދާ ސެންޓަރެއް. އެތަނުން ޕާސްޕޯޓް ހައްދަން ދާމީހާ ނުވަތަ އައިޑީކާދު ހައްދަން ދާމީހާ އެކަމަށް ބޭނުންވާ އިތުރު އެއްޗެއް ބޭނުން ވެގެން އެތަނުން ބޭރަށް ދާކަށް ނުޖެހޭނެ. ފޮޓޯ ނަގައި ދިނުމުގެ ހިދުމަތްތަކާއި އަދި ސްޓޭމްޕް ވެސް އެތަނުން ދޫކުރާނެ،" ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ހަބީބު ވިދާޅުވި އެވެ.

މިހާރު އައިޑީކާޑު އަދި ޕާސްޕޯޓު ހައްދަނީ ވެލާނާގޭގައި ގާއިމްކޮށްފައި ހުންނަ ތަންތަނުންނެވެ. އަދި ގިނަ ބަޔަކު އެ ހިދުމަތް ހޯދަމުންދާ އިރު އެ ހިދުމަތް ލިބިގަތުމަށް ގިނަ ވަގުތުތަކެއް ހޭދަވެއެވެ. ދާދި ފަހުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި ހުރިހާ ވައްތަރެއްގެ ލައިސަންސެން އެއްތަނަކުން ހޯދޭނެ ލައިންސަންސިން ސެންޓަރެއް ވެސް ގާއިމު ކުރައްވާނެ އެވެ.