ހަބަރު

ކުޑަކުއްޖަކާ ބެހުނު މީހަކު 33 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ކުޑަކުއްޖަކާ ބެހުނު މީހަކު 33 އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ. ހުކުމް ކޮށްފައިވަނީ ށ. ގޮއިދޫ މީހެއްގެ މައްޗަށެވެ.

ށ. ގޮއިދޫ، މަލާޒު، އަލީ ޒާހިރުގެ މައްޗަށް މިއަދު 33 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ހަތް އަހަރުގެ ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވުމުންނެވެ. އަލީ ޒާހިރުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އެވެ. ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވެ އެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވާތީ، އަލީ ޒާހިރުގެ މައްޗަށް އިއްވީ 15 އަހަރުގެ ހުކުމެކެވެ. އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވުން ިއްވީ 18 އަހަރުގެ ޖަލު ހުކުމެކެވެ.

ހުކުމްގައިވާ ގޮތުން، އަލީ ޒާހިރު ވަނީ ކުށަށް އަމިއްލައަށް އިއުތިރާފުވެފަ އެވެ. މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ހަތް އަހަރުގެ ކުޑަ ކުއްޖާއާ މެދު ޖިންސީ ގޯނާ އަލީ ޒާހިރު ކޮށްފައިވާ ކަމަށް ހުކުމްގައިވެ އެވެ.

ކުއްޖާއާމެދު ޖިންސީ އަމަލު ހިންގިފައިވަނީ ކުއްޖާގެ މައިންބަފައިންނާއި ދިރިއުޅޭ ވެށީގެ މީހުންގެ އިހުމާލުން ކަމަށް ހުކުމްގައި ވަނީ ބުނެފަ އެވެ.