ހަބަރު

ނުވަ އަހަރަށް ފަހު ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ހަދަނީ

Mar 31, 2016
1
  • ކްރިޑިޓް ރޭޓިން ނެތުމުން ލޯނު ލިބެނީ ބޮޑު އިންޓަރެސްޓްގައި
  • މަސައްކަތް ހަވާލު ކުރީ، ބައިނަލްއަގުވާމީ އެންމެ ގާބިލް ކުންފުންޏާ
  • މިފަހަރުގެ ކްރިޑިޓް ރޭޓިން އާންމު ކުރާނެ

ރާއްޖޭގެ ސަވަރިން ކްރިޑިޓް ރޭޓިން އެއް ހެދުމަށް، އެކަމުގައި ފުންނާބު އުސް ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ، މޫޑީސް އާ ހަވާލު ކުރަން ސަރުކާރުން ނިންމައިފި އެވެ. މިއީ 2007 ވަނަ އަހަރަށް ފަހު ރާއްޖޭގެ ކްރިޑިޓް ރޭޓިންއެއް ހަދާ ފުރަތަމަ ފަހަރެވެ.

ކްރިޑިޓް ރޭޓިން އަކީ ގައުމުގެ އިގްތިސާދީ އިޖްތިމާއީ އަދި ސިޔާސީ ހާލަތު ދިރާސާ ކުރުމަށް ފަހު ގައުމެއް މިންކުރާ ކުރުމެވެ. މިއީ އެ ގައުމަކަށް އަންނަ އިންވެސްޓަރުން ވަރަށް ބޮޑަށް ބަލާ މިންގަނޑެކެވެ.

މިނިސްޓްރީ އިން ބުނީ މި މަސައްކަތް ކުރުމަށް މޫޑީސް ހޮވިފައި ވަނީ އެ މަސައްކަތް ކޮށްދިނުމަށް ސަރުކާރަށް ބިޑް ހުށަހެޅި، އަނެއް ދެ ކުންފުނި ކަމަށްވާ، ސްޓޭންޑަޑް އެންޑް ޕްއާޒް އަދި ޕިޗް ރޭޓިން އިން ހުށަހެޅި ޕްރޮޕޯސަލްތަކަށް ވުރެ މޫޑީސްގެ ޕްރޮޕޯސަލް ރަނގަޅުވުމުން ކަމަށެވެ. މި ދެ ކުންފުންޏަކީ ވެސް ކްރިޑިޓް ރޭޓިން ތައްޔާރުކޮށް ދިނުމުގައި މަޝްހޫރު ދެ ކުންފުންޏެވެ. ފިނޭންސުން ބުނީ މޫޑީސް ހޮވުމުގައި ބަލާފައި ވަނީ ދުނިޔޭގެ ފެންވަރުގައި އެ ކުންފުންޏަކުން ހަދާ ކްރިޑިޓް ރޭޓިން ބަލައިގަންނާނެ މިންވަރާއި މަސައްކަތް ކޮށްދޭ އަގާއި ތަޖުރިބާ އަދި މަސައްކަތް ނިންމާ މުއްދަތަށެވެ.

މިނިސްޓްރީ އިން ބުނަނީ ކްރިޑިޓް ރޭޓިން އެއް ހެދުމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ. މިހާރު ކްރިޑިޓް ރޭޓިން އެއް ނެތުމުގެ ސަބަބުން ރާއްޖެއަށް ލިބޭ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ބޮޑުކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ. އެހެން ނަމަވެސް ކްރިޑިޓް ރޭޓިން އަށް ފަހު ކުޑަ އިންޓަރެސްޓް ރޭޓެއްގައި ފައިސާ ލިބޭނެ އެވެ. މީގެ އިތުރަށް މިނިސްޓްރީ އިން ބުނަނީ ކްރިޑިޓް ރޭޓިންގެ ސަބަބުން ރާއްޖޭގެ ބޮޑެތި ކުންފުނިތަކާއި ޕެންޝަން ފަންޑަށް ބޭރުގެ އެކި މާލީ ބާޒާރުތަކުގައި އިންވެސްޓްކޮށް ނަފާ ހޯދުމުގެ ގިނަ ފުރުސަތުތަކެއް ލިބޭނެ އެވެ. މިއީ ރާއްޖެއަށް އަންނަން ބޭނުންވާ އިންވެސްޓަރުން ވެސް ވަރަސް ބޮޑަށް ބަލާނެ ކަމެއް ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

ކްރިޑިޓް ރޭޓިން އެއް ހެދުމަށް ޓަކައި މޫޑީސް ކުންފުނީގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެ އައިސް މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ. އެ ޓީމުން ރާއްޖޭގެ އިގްތިސާދީ މިންގަނޑުތަކާއި އެހެން ވެސް މައުލޫމާތުތައް އެއް ކުރާނެ އެވެ. އެ ކުންފުނީގެ އެކްސްޕާޓުން އެ މަސައްކަތުގައި ގާތްގަނޑަކަށް ތިން މަސް ދުވަސް ރާއްޖޭގައި ހޭދަ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން 2007 ގައި ކްރިޑިޓް ރޭޓިންއެއް ހެދި ނަމަވެސް އެ ފަހަރު އެ ރޭޓިން އާންމެއް ނުކުރެ އެވެ. މިފަހަރުގެ ރޭޓިން އާންމު ކުރާނެ ކަމަށް ބެލެވެ އެވެ.