ގުޅިފަޅު

ގުޅިފަޅު ފްލެޓްތަކުގެ ނުނިމި ހުރި މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

ގުޅިފަޅު ފްލެޓްތަކުގެ ނުނިމި ހުރި މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ކުންފުނި، ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ގުޅިފަޅުގައި އިމާރާތްކުރަން ފަށާފައިވާ ފުލެޓްތަކުގެ ނުނިމިހުރި މަސައްކަތްތައް ކުރާނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

އަދި ބުނެފައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު އެ ކުންފުނީގެ އޮފީހުން މައުލޫމާތު އޮޅުންފިލުވުމަށް ފަހު އޭޕްރީލް މަނުގެ 14 ގައި އަންދާސީ ހިސާބު ހުށަހެޅުމަށެވެ.

ގުޅިފަޅަކީ 2010 ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ހިއްކައިގެން އެއަށް ފަހު މީހުން ދިރުއުޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ނިންމެވި ރަށެކެވެ.

ނަމަވެސް އެކުންފުނި އަތުން ގުޅީފަޅު އަތުލައި، ސަރުކާރުން އެރަށާއި ހަވާލުވީ މިއަހަރު ޖެނުއަރީ މަހުގަ އެވެ. އޭގެ ފަހުން ހައުސިން މިނިސްޓްރީ އިން ވަނީ ގުޅީ ފަޅުން ފްލެޓު ގަތުމަށް ލާރި ދެއްކި، ނަމަވެސް ފްލެޓު ނުލިބުން ފަރާތްތަކަށް ހުޅުމާލެއިން ފްލެޓު ދޭން އެއްބަސްވެ ލިޔުން ވެސް ހަވާލުކޮށްފައެވެ.