ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރާނެކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ލިޔުމެއް ދޫކުރަން ފަށައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ސޮއިކުރައްވާފައިވާ މި ލިޔުމުގައި ބުނެފައިވަނީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދީ، މާލޭގެ ރައްޔިތުންނަށް ދޫކުރުމަށްޓަކައި ހިންގުނު "ބިންވެރިޔާ ސްކީމް" ގެ ދަށުން ބަންޑާރަ ގޯތި ލިބުނު އެންމެންނަށް އެ މީހުންނަށް ކުރންވެސް ލިބިފައިވާ ތަނުން ގޯތި ހަވާލުކުރުމަށް ލިބިފައިވާ ގޯތި ވީހާވެސް އަވަހަށް ހަވާލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ގޯތީގެ ރަޖިސްޓަރީ ހަވާލު ކުރެވިފައިނުވި ނަމަވެސް، ގޯތި ލިބުނު ސަރަހައްދާއި ގޯތީގެ ނަންބަރާއި ގޯތި ހަވާލުކުރެވޭ ފަރާތް(ތައް) އަދި ގޯތީގެ ބޮޑުމިން ހިމެނޭ ގޮތަށް ހަދާދީފައިވާ "ގޯތި ލިބިފައިވާކަމުގެ ލިޔުން" އެ ފަރާތްތަކަށް މިހާރު ވާނީ ދޫކުރެވިފަ،" މި ލިޔުމުގައި ބުނެފައިވެ އެވެ.
ހައުސިން މިނިސްޓްރީން ދޫކުރި ލިޔުމުގައި ބުނެފައިވަނީ "ބިންވެރިޔާ ސްކީމް" ގެ ދަށުން ބިން ލިބިފައިވާ މީހުންގެ ތެރެއިން ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައިނުވާ މީހުންނަށް ދޫކޮށްފައިވާ "ގޯތި ލިބިފައިވާ ކަމުގެ ލިޔުން" އަދި އެ ލިޔުމާއެކު ހިމެނޭ އިގުރާރަކީ " ބިންވެރިޔާ ސްކީމް" ގެ ދަށުން އެ މީހުންނަށް ލިބިފައިވާ ބިން އެ މީހުންނާ ހަވާލުކުރާނެ ކަމަށް އިގުރާރުވެ މިނިސްޓްރީ އާއި އެ މީހުންނާ ގާނޫނީ ގޮތުން "ބަނދެވޭ" ގޮތަށް އޮތް އެއްބަސްވުމެއް ކަމަށެވެ.
އެ މީހުންނަށް ދޫކޮށްފައިވާ "ގޯތި ލިބިފައިވާ ކަމުގެ ލިޔުން" ގައި ބަޔާންކޮށްފައިވާ ކަންކަމަށް މިނިސްޓްރީން ފުރިހަމައަށް އިހުތިރާމުކޮށް އެ ލިޔުމުގައި ބަޔާންކޮށްފައިވާ ކަންކަމާ އެއްގޮތަށް އަމަލުކުރަމުުންދާނެ ކަމުގެ ޔަގީންކަން މި ލިޔުމުގައި ހައުސިން މިނިސްޓްރީން ވަނީ ދީފަ އެވެ.