މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ގުޅީފަޅަށް ގޯތި ބަދަލުކުރަން އެދުނު މީހުންގެ ގުރުނެގުން އަންގާރަ ދުވަހު

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބުނު ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި މީހުންގެ އަދަދު ބައެއް ކެޓަގަރީތަކުން އިތުރުވެފައިވާތީ އެ ކެޓަގަރީތަކުން ގުޅީފަޅުން ގޯތި ލިބޭ މީހުން ކަނޑައެޅުމަށް ބާއްވާ ގުރުއަތު ނެގުން އަންގާރަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ގިރާވަރުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދެ ފަހަރެއްގެ މަތިން ހުޅުވާލީ މިސަރުކާރުގައެވެ.

ސަރުކާރުން ބުނި ގޮތުގައި އެ ފުރުސަތު ހުޅުވާލީ ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް މިސަރުކާރުން ބަދަލު ގެނައުމުގެ ސަބަބުން ގިރާވަރުފަޅުން ގޯތި ދޫކުރަން ނިމިދިޔަ ސަރުކާރުން ކަނޑައެޅި އަދަދަށް ގޯތި ނުނެގޭތީ އެވެ. އެހެންވެ ގިރާވަރުފަޅުން ދޫކުރި ގޯތިތަކުގެ ތެރެއިން 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމާ މިސަރުކާރުގައި އެ ފުރުސަތު ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުސަތުގެ ދަށުން އެކަމަށް އެދި ހުށަހެޅި މީހުންނާ ގުޅޭ ގޮތުން އެ މިނިސްޓްރީން މޭ 27 ވަނަ ދުވަހު ކުރި އިއުލާނާއެކު އާންމުކުރެވުނު ލިސްޓްތަކަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބެލުމަށްފަހު ފައިނަލް ލިސްޓު އާންމުކޮށްފަ އެވެ.

މި ލިސްޓްތަކުގެ ތެރޭގައި ހިމެނޭ ގިރާވަރުފަޅުން 2050 އަކަފޫޓާއި 2450 އަކަފޫޓުގެ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށަހަޅާފައިވަނީ ގުޅީފަޅަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންކަމުގައިވާތީ އެފަރާތްތަކުގެ މެދުގައި ގުރުނެގުން ނޯންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ނަމަވެސް، ގިރާވަރުފަޅުން 1250 އަކަފޫޓާއި 1650 އަކަފޫޓުގެ ގޯތި ލިބިފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަވާތީ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުނެގުން މިމަހުގެ ހަތަރު ވަނަ ދުވަހު ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ގުރުނެގުން ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންދުރު 12:00 އިން ފެށިގެންނެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ބުނީ މި ގުރުނެގުމުގައި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އެ މީހެއްގެ ނަން އަމިއްލައަށް ގުރުނަގާ ފޮއްޓަށްލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ އެވެ.

އެ ގޮތުން ގުރުނެގުމަށް ހަމަޖެހިފައިވާ ފޮއްޓަށް އަމިއްލައަށް ނަންކޮޅުލާން ބޭނުންވާ މީހުން ހާޒިރުވާނީ އެދުވަހުގެ 9:00 އިން 10:00 އަށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ބާކީ ތިބި މީހުންގެ ނަން ގުރުގައި ބައިވެރިވާ މީހުންގެ ހާޒިރުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ގުރުނަގާ ފޮއްޓަށްލާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.