ގިރާވަރު ފަޅު

ގުޅިފަޅަށް ގޯތި ބަދަލުކުރަން އިތުރު މުއްދަތު ދީފި

ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ ސްކީމް" ގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ "ބިންވެރިޔާ ސްކީމް" ގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުން ގުޅީފަޅަށް ބަދަލުވުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ބަޔަކު އެދެމުންދާތީ މި މުއްދަތު މިމަހުގެ 18 ވަނަ ދުވަހުގެ ރޭ 11:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ކުރިންވެސް އިއުލާނުކޮށްފައިވާ ފަދައިން ގުޅީފަޅަށް ބަދަލުވާން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ މީހުން "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅޭނެ ކަމަށެވެ.

މިގޮތުން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ހުށަހަޅާއިރު ގޯތި ލިބިފައިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ބައިވެރިންގެ އިގުރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުވުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.

ގުޅީފަޅަށް ބަދަލުކުރާ ގޯތީގެ އަދަދާއި ބޮޑުމިން

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 663 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯތި

މިނިސްޓްރީން ނިންމާފައިވާ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ މީހުންގެ އަދަދު އިތުރުވާނަމަ ގުޅިފަޅުން ގޯތި ލިބޭ މީހުން ކަނޑައަޅަން ނިންމާފައިވަނީ ގުރުއަތުންނެވެ.

ގުރުއަތު ނެގުން އޮންނާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމާފައިވެ އެވެ.