މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ގޯތީގެ އެއްބަސްވުމުގައި 8،250 މީހަކު ސޮއިކޮށްފި

ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 8،250 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓަރީ ހަވާލުކޮށްފި އެވެ.

ނިމިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 18،955 މީހުން ޝަރުތު ހަމަވިއިރު 9،003 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި ބިން ލިބިފައިވާކަމުގެ ލިޔުން 118 މީހަކާ ވަނީ ހަވާލުކޮށްފަ އެވެ.

ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުނުކުރެވޭ 303 މީހުން ތިބިއިރު އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 މީހަކާއެކު ސޮއި ނުކުރެވޭ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ 212 މީހަކާއެކު އެގްރީމަންޓް ސޮއިކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ. މީގެ ތެރެއިން ގިނަ ބަޔަކަށް ސޮއިކުރުމަށް ދެވަނަ ފުރުސަތު ދެވިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ބިން ދޫކޮށްލުމަށް 16 މީހަކު އެދިފައިވާތީ ސޮއިނުކުރެވި އެބަހުރި ކަމަށާއި ބިން ލިބުނުފަހުން 12 މީހަކު މަރުވެފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށްނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހެޅި އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރެ އެވެ.