ހަބަރު

ރަސްފަންނުގެ މޫދު އަދިވެސް ސާފެއް ނޫން: އެމްއެފްޑީއޭ

ރަސްފަންނުގެ މޫދުގެ ލޮނުގަނޑުގެ އިތުރު ޓެސްޓުތައް އަދިވެސް ކުރަންޖެހޭ ކަމަށާއި މޫދަށް އެރި އުޅޭވަރަށް ލޮނުގަނޑު އަދިވެސް ސާފެއް ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ. އެމްއެފްޑީއޭ އިން މިހެން ބުނީ، ވެސްޓް ޕާކާއި ދިމާލު މޫދަށް ބާލާފައިވާ ނަޖިސް ހޮޅިއަކުން ނަޖިސް ލީކުވުމާއި ގުޅިގެން ރަސްފަންނުގެ މޫދަށް ނޭރެން ހައުސިން މިނިސްޓްރީ އިން އަނގައިފަ ވަނިކޮށެވެ. އެމްއެފްޑީއޭ އިން ލޮނުގަނޑުގެ ޓެސްޓުތައް ހަދަމުން ދާއިރު ހައުސިން މިނިސްޓްރީ އިން ބުނީ ހޮޅި މަރާމާތުކޮށް ލީކުވުން މިހާރު ހުއްޓުވާފައިވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ކުރަމުން އަންނަ މަސައްކަތާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އޮތޯރިޓީގެ ޑިރެކްޓަރު ޖެނަރަލް ޝަރީފާ އާދަމް މަނިކު ވިދާޅުވީ އެ ބީޗްގައި ދިމާވި ހާދިސާއާ ގުޅިގެން މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހު ފެނުގެ ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ. އެ ޓެސްޓުތަކަށް ބަލާއިރު ރަސްފަންނުގެ މޫދަކީ މިވަގުތަށް އަދި އެރެން ރައްކާތެރި ތަނެއް ގޮތުގައި ކަނޑައެއް ނާޅައި ކަމަށެވެ.

"ޑަބްލިއުއެޗްއޯގެ ގައިޑް ލައިންސް ތަކާއި އެމްއެފްޑީއޭގެ މިންގަނޑުތަކުގެ ތެރެއިން ވަކި އަދަދަކަށް ބަލާފައި ކުރާ ޓެސްޓު ތަކުން ޖެހި ޖެހިގެން ރަނގަޅު ނަތީޖާއެއް ލިބުމުން ސޭފް ކަމަށް ކަނޑައެޅޭނީ. ޓެސްޓުތަކުން އަދިވެސް ރަނގަޅު ނޫން ކަމަށް ދައްކަނީ. އަދި ދުވަސްކޮޅެއް ނަގާނެ އެ ރަނގަޅު ވާން،" ޝަރީފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮތުގައި ރަސްފަންނު ހުޅުވުމުގެ ކުރިން 11 ޖަނުއަރީ އިން ފެށިގެން 15 މާޗާއި ހަމަޔަށް ކޮންމެ ދުވަހު މޫދަށް އެރޭ ހުރިހާ ދިމާލަކުން ތޮށިގަނޑުން ބޭރުން ލޮނުގަނޑު ޓެސްޓު ކުރި ކަމަށާއި އޭރުހުރިހާ ނަތީޖާ އަކުން ވެސް ލޮނުގަނޑު ވަރަށް ސާފު ކަމަށް ދެއްކި ކަމަށެވެ.