ހަބަރު

ރާއްޖެ ޓީވީއާ ދެކޮޅަށް ފިޔަވަޅު އެޅީ ގާނޫނީ ހަމަތަކުގެ މަތިން: ހުކުމް

ރާއްޖެ ޓީވީ އިން ބްރޮޑް ކާސްޓިން ކޮމިޝަން، ބްރޮޑްކޮމްއާ ދެކޮޅަށް ގެއްލުމުގެ ބަދަލުހޯދުމަށް ހުށަހެޅި މައްސަލައިގައި ބަދަލު ނަގައިދޭން ނުޖެހޭ ކަމަށް ސިވިލްކޯޓުން ހުކުމްކޮށްފި އެވެ.

އެ ކޯޓުން މިގޮތަށް ހުކުމްކުރީ، ރާއްޖެ ޓީވީ އިން 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބްރޯޑްކާސްޓްކުރި ބައެއް ކޮންޓެންޓާ މެދު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅާފައިވަނީ ގާނޫނުއަސާސީ އާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ބައެއް މާއްދާތަކާ ހިލާފަށް ކަމަށްބުނެ، އެ ކަމުގެ ސަބަބުން އެ ސްޓޭޝަނަށް ސީދާ އަދި ނުސީދާ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލުހޯދުމަށް ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލްކޯޓުގައި 21 ފެބްރުއަރީ 2013ގައި ދައުވާކުރި މައްސަލައިގަ އެވެ.

ރާއްޖެ ޓީވީން ކުރި ދައުވާގައި ބުނެފައިވަނީ، 29 އޯގަސްޓް 2012 ވަނަ ދުވަހުގެ ރޭ އެމްޑީޕީއިން ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން ލައިވްކޮށް ގެނެސްދިން ފީޑުގައި، ރާއްޖެ ޓީވީއިން ދެއްކި ވާހަކަތަކާއި، 30 އޯގަސްޓް 2012 ވަނަ ދުވަހުގެ އެކި ވަގުތުތަކުގައި އަދި 31 އޯގަސްޓް 2012 ދުވަހުގެ ވަގުތެއްގައި ރާއްޖެ ޓީވީން ބްރޯޑްކާސްޓްކުރި ކޮންޓެންޓްތަކާއި، އަދި 19 އޯގަސްޓް 2012 ވަނަ ދުވަހު އަހުމަދު މަހުލޫފް ރާއްޖެ ޓީވީ އާ ދެކޮޅަށް ހުށަހެޅި ޝަކުވާއާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ އާމެދު އިދާރީ ގޮތުން ފިޔަވަޅު އަޅާފައިވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 28 ވަނަ މާއްދާއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، 29 ވަނަ މާއްދާއިން ޔަގީންކޮށްދީފައިވާ މައުލޫމާތު ދިނުމުގެ މިނިވަންކަމާއި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ބައެއް މާއްދާތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އިއްވި ހުކުމުގައި ބުނެފައިވަނީ ރާއްޖެ ޓީވީއާ ދެކޮޅަށް އެޅި އިދާރީ ފިޔަވަޅުތަކަކީ ކޮމިޝަނަށް ލިބިފައިވާ ބާރުތަކާއި ހިލާފަށް ނިންމާފައިވާ ނިންމެވުމެއްކަމަށް ގާނޫނީ ހަމަތަކުގެ މަތީން ބެލެވެން ނެތް ކަމަށެވެ.

"ރާއްޖެ ޓީވީ އާ މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމާފައި އެވަނީ، ހަމަ އެ ގާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ދަށުން ކަމުގައިވާތީ މި ދައުވާގައި ދައުވާކުރާ ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ޝަރްއީ އަދި ގާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި ހުކުމް ކޮށްފީމެވެ.”ހުކުމްގައިވެ އެވެ.