ހަބަރު

ބްރޮޑްކޮމްގެ މެންބަރުކަމަށް އެންމެ މަތިން މާކްސް ލިބުނީ މަރިޔަމް ވަހީދާއަށް

Mar 31, 2016

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން، ބްރޮޑްކޮމް އަށް ކުރިމަތިލީ ބޭފުޅުންގެ ތެރެއިން މަޝްހޫރު ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާ އަށް އެންމެ ގިނަ މާކްސް ލިބިވަޑައިގެންފި އެވެ. އެކަމަކު މަރިޔަމް ވަހީދާ އަކީ އެ މަގާމަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ތެރެއިން ރައީސް އިސްކަން ދެއްވި ހަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ނޫނެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން 23 ބޭފުޅުންނާ ރޭ ކުރި އިންޓަވިއުތަކަށް ފަހު އެކުލަވާލައި މިއަދު އާންމު ކުރި ކޮމިޓީ ރިޕޯޓްގައިވާ ގޮތުގައި ކޮމިޝަންގެ މިހާރުގެ ރައީސް މުހައްމަދު ޝަހީބަށް ވުރެވެސް ގިނައިން މާކްސް ލިބިވަޑައިގެންނެވީ މަރިޔަމް ވަހީދާ އަށެވެ. ރައީސް ފޮނުއްވި ލިސްޓްގެ އެންމެ ފުލުހުގައި އޮތް މަރިޔަމް ވަހީދާއަށް ކޮމިޓީ އިން ދީފައި ވަނީ 81.3 މާކްސް އެވެ. ލިސްޓްގެ އެންމެ ކުރީގައި އޮތް ކޮމިޝަންގެ މިހާރުގެ ރައީސް ޝަހީބަށް ލިބިވަޑައިގެންނެވީ، 80.2 އެވެ.

އެއާ އެކު، ކޮމިޓީ ރިޕޯޓްގައި މިހާރު ނައްތައް ތަރުތީބުކޮށްފައި އޮތް ގޮތުން އެންމެ ފުރަތަމަ ވޯޓަށް އަހާނީ މަރީ އަށެވެ. ދެން އެއަށް ފަހު ޝަހީބަށެވެ.

ކޮމިޓީގެ ރިޕޯޓްގައިވާ ގޮތުގައި 75 ޕަސެންޓް މާކްސް ލިބިގެން ކޮމިޝަންގެ މެންބަރުކަމަށް ޝަރުތު ހަމަވަނީ ޖުމްލަ ފަސް ބޭފުޅެކެވެ. އެއީ މަރީ އާއި ޝަހީބުގެ އިތުރުން، 79.3 ޕަސެންޓް މާކްސް ލިބިވަޑައިގެންނެވި، ޒީނާ ޒާހިރު އާއި 77.3 މާކްސް ލިބިގެން އާމިނަތު ސަރާހަތު އިއްޒަތު އަދި 76.8 ޕަސެންޓް މާކްސް ލިބިގެން ފާތިމަތު ޒައިނާ އެވެ. ރައީސް ފޮނުއްވި ނަންތަކުގެ ތެރޭގައި ހިމެނޭ، އިސްމާއިލް ސޮފްވާން ކޮމިޝަންގެ މެންބަރު ކަމަށް ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީ އިން ވަނީ ނިންމައިފަ އެވެ. އޭނާ އަށް ކޮމިޓީ އިން ދިނީ 68.8 ޕަސެންޓެވެ.


މަޖިލީހުގެ ވޯޓަށް އަހާނީ މާކްސް ލިބުނު ތަރުތީބުންނެވެ. އަދި 75 ޕަސެންޓަށް ވުރެ މަތިން މާކްސް ނުލިބޭ ފަރާތަކަށް ފާސްވާ ވަރަށް ވޯޓް ނުލިބިއްޖެ ނަމަ، މިންގަނޑަށް ވުރެ ކުޑަކޮށް މާކްސް ލިބުނު މީހުންނަށް ވެސް ވޯޓަށް އަހާނެ އެވެ. މަޖިލީހުން މިފަހަރު އައްޔަން ކުރާނީ ހަ މެންބަރުންނެވެ.