ހަބަރު

މާލޭގެ ތިން ސަރަހަައްދެއްގަައި ފެނުގެ ބެކަޕް ޕްލޭނެއް

މާލޭގެ ތިން ސަރަހައްދެއްގައި ފެނުގެ ނިޒާމް ހަރުދަނާ ކުރަން ނުވަތަ ޑީސެންޓްރަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ނިޒާމަކީ ބެކަޕް ފެނުގެ ނިޒާމުގެ ބެކަޕް ޕްލޭނެއް ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ މާލެއަށް ފެން ދޫކުރުމުގައި ދިމާވި މައްސަލަތަކާއި ބެހޭގޮތުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ ޑީސެންޓްރަލައިޒް ކުރުމުގެ މަސައްކަތަކީ ފެން ފަނޑުން ލިބުނު ފައިސާގެ އެހީގައި ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. މިމަސައްކަތްތަކަކީ ހައެއްކަ މަސް ދުވަހުން ނިންމާލެވޭނެ މަސައްކަތެއް ނޫން ކަމަށާއި އޭގެ ޑިޒައިންގެ މަސައްކަތް 2014 ވަނަ އަހަރު ދިމާވި ފެނުގެ ކާރިސާއަށްފަހު ފަށާފައިވާ ކަމަށެވެ.

"ޑިސެންޓްރަލައިޒް ނިޒާމުގެ މަސައްކަތުގައި މިހާރު އެވަނީ 5،000 އާރޯ ޕްލާންޓް ގެނައުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައި އަދި އިމާރާތްވެސް ކޮންސްޓްރަކްޝަން މަސައްކަތް މިހާރު ކުރިއަށްދަނީ. މި ޕްލޭންގެ މަސައްކަތް އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ" ފަޒުލް ވިދާޅުވި އެވެ.

ޑީސެންޓަރަލައިޒޭޝަންގެ ދަށުން ހުޅުމާލެ ބްރިޖް މެދުވެރިކޮށް އަޅާ ޕައިޕް ލައިނަކީ ޑިވެލޮޕްމެންޓު ޕްރޮޖެކްޓުގެ ދަށުން އަޅާ ފެނުގެ ދާއިމީ ހައްލެއް ކަމަށެވެ. ފަޒުލް ވިދާޅުވީ އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އާރޯ ޕެނަލް ތަކާއި ޕަވާ ޕެނަލްތައް މިހާރު ގެނެސްފައި ހުރި ޕެނަލް އަށް ބަދަލުކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ 80 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށެވެ.

ފަޒުލް ވިދާޅުވީ މާލެއަށް ފެން ފޯރުކޮށްދިނުމުގައި އިއްޔެ މާބޮޑު މައްސަލައެއް ކުރިމަތި ނުވާ ކަމަށެވެ. ފެން ފޯރުކޮށްދިނުމުގައި ދިމާވި މައްސަލައިގެ 80 އިންސައްތަ ހައްލުކޮށް މިހާރު ވަނީ ކުރިއެކޭ އެއްގޮތައް ފެން ފޯރުކޮށްދޭން ފަށާފައެވެ.

އިއްޔެ ދިމާވި މައްސަލަ އަކީ ބޯހޯލަށް ދިމާވި މައްސަލައެއް ކަމަށާއި އިއްޔެ ހެނދުނު އެކަން ހައްލުކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި ހަވީރަށް މަސައްކަތް ނިންމާ ޕްރެޝަރުގައި ފެން ދޫކުރަން އުންމީދު ކުރި ނަމަވެސް ޕްރެޝަރުގައި ފެން ދޫކުރުން ލަސްވީ ބޯހޯލަށް ކުނޑި އަރައިގެން ކަމަށް ފަޒުލް ވިދާޅުވި އެވެ.

"ބޯހޯލަކީ އޭގެ ޒާތުގައި ކުނޑި އަރާ އެއްޗެއް. އެ ކުނޑިތައް ފިލުވައިގެން މެނުވީ ރައްޔިތުންނަށް ފޯރުކޮށްދޭ ފެން ޕްރޮޑިއުސެއް ނުކުރެވޭނެ. ކުނޑި ފިލިވުމަށް އަދި ޓެކްނިކަލް މައްސަލަތަކެއް ދިމަވުމުން އުންމީދު ކުރި ވަގުތަށް ފެން ފޯރުކޮށް ނުދެވުނީ،" ފަޒުލް ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީ އަށް އިއްޔެ ދިމާވި މައްސަލަ ހައްލުކޮށް މިއަދުވަނީ ޕްރެޝަރުގައި ފެން ދޫކޮށްފަ އެވެ. ފަޒުލް ވިދާޅުވީ އިއްޔެ ލިމިޓްކުރި ވަރަށް ވުރެ ކުޑަކޮށް މިރޭ 12 އިން 05:30 އަށް ފެން ލިމިޓްކުރާނެ ކަމަށާއި އަދި މާދަމާ ރޭ ވެސް ފެން ލިމިޓް ކުރާނެ ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި އެއީ މަސައްކަތުގެ ހައްލުނުވެ އިން 20 ޕަސަންޓު ނިންމާލަން ކަމަށްވެސް ފަޒުލް ވިދާޅުވި އެވެ.