ހަބަރު

ސިޔާސީ މަގާމުގައި ތިބި ކުރީގެ ފުލުހުންނާއި ސިފައިންގެ އިނާޔަތް ކެނޑޭ ބިލު ކޮމިޓީއަށް

ރިޓަޔާ ކުރާ ފުލުހުންނާއި ސިފައިން، ސިޔާސީ މަގާމަކަށް އިންތިހާބު ވެއްޖެ ނަމަ އިނާޔަތްތައް ކެނޑޭ ދެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ފޮނުވައިފި އެވެ.

މަޖިލީހަށް މިއަދު ބަލައިގަތް ދެ ބިލުގެ ތެރެއިން ސަރުކާރު ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހެޅި ސިފައިންގެ ގާނޫނަށް ބަދަލު ގެނައުމުގެ ބިލު ފާސްވީ 46 ވޯޓުންނެވެ. އަދި 22 މެންބަރުން ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އެވެ.

އަބްދުލް ލަތީފް ދެން ހުށަހެޅި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތުމަށް 44 މެމްބަރުން ވޯޓު ދެއްވި އިރު ބިލު ބަލައި ގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 23 މެމްބަރުންނެވެ. އަދި މި ބިލަށް ވެސް ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ މެމްބަރެއް އިންނެވި އެވެ.

އެގޮތުން މި ދެބިލުވެސް ވަނީ މަޖިލީހުން ބަލައިގަނެ ދިރާސާ ކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ފޮނުވައިފަ އެވެ.

ސިފައިންގެ ގާނޫނަށާއި ފުލުހުންގެ ގާނޫނަށް މިހާރު އަމަލު ކުރަމުންދާ ގޮތުން ޝަރަފުވެރިކަމާއި އެކު ސިފައިންގެ ވަޒީފާއިން ވަކިވެފައިވާ މީހުންނަށް ދެވޭ ހާއްސަ އިނާޔަތްތައް އެހެން ކޮންމެ މަގާމެއް އަދާ ކުރިޔަސް ލިބެ އެވެ. ނަމަވެސް އަބްދުލް ލަތީފް ހުށަހެޅި މި އިސްލާހުގައި ބުނެފައިވަނީ ސިފައިނގެއިން ރިޓަޔާ ވުމަށް ފަހު ރައްޔިތުން އިންތިހާބު ކުރާ ސިޔާސީ މަގާމެއް އަދާ ކުރާ ނަމަ ކުރިން ސިފައިންގެއިން ލިބުނު އިނާޔަތްތައް ކެނޑިގެން ދާނެ ކަމަށެވެ.

"ޝަރަފުވެރިކަމާއި އެކު ސިފައިންގެއިން ވަކިވުމަށް ފަހު ލިބޭ ހާއްސަ އިނާޔަތްތަކުގެ ބަދަލުގައި ރައްޔިތުން އިންތިހާބުކުރާ ސިޔާސީ މަގާމެއް އަދާ ކުރަން ފެށުމުން އެމަގާމް އިނާޔަތްތަކާއި ވެސް އެބަ ލިބޭ. އެހެންވެ އޭނައަށް ދައުލަތުގެ ބަޖެޓުން ލިބެމުން މިދަނީ ޑަބަލްކޮށް އިނާޔަތްތައް. އެހެންވެ ސިޔާސީ މަގާމެއް އަދާ ކުރާ މުއްދަތުގައި ޝަރަފްވެރިކަމާއި އެކު ސިފައިނގެއިން ވަކިވީމީހާ އަށް ލިބޭ ހާއްސަ އިނާޔަތް ނުލިބޭ ގޮތައް މި ބިލް ފާސް ވުން ރަނގަޅު" އަބްދުލް ލަތީފް ވިދާޅުވި އެވެ.

މި މައްސަލާގައި ބަހުސް ކުރައްވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މި ބިލަކީ ވަކި ބަޔަކަށް އަމާޒުކޮށް އިނާޔަތާއި ރައްކާތެރިކަން ގާނޫނުގެ ތެރެއިން ކަނޑާލުމަށް ކުރައްވާ މަސައްކަތެއް ކަމަށާއި އެގޮތުން މި ބިލް ހާއްސަ ވަނީ ކާނަލް ނާޒިއާއި، ކުރީގެ ސީޕީ އަބްދުﷲ ރިޔާޒް، އަދި ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީއަށް އެ ފައިސާ ލިބޭތީ ކަނޑާލުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

ބައެއް ޕީޕީއެމްގެ މެމްބަރުންވެސް ވިދާޅުވަނީ މި ބިލު ފާސްކޮށް މަޖިލީހުގައި މަސައްކަތް ކުރާ ކުރީގެ ސިފައިންނާއި ފުލުހުންނަށް ލިބޭ އިނާޔަތްތައް ކަނޑަން ޖެހޭ ކަމަށެވެ. ނަމަވެސް ޕީޕީއެމްއަށް ނިސްބަތްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ މި ބިލުގެ ސަބަބުން މިހާރު އިނާޔަތްތައް ލިބެމުންދާ މަޖިލީހުގެ އެއްވެސް މެންބަރެއް އަތުން އިނާޔަތް ކެނޑިގެން ނުދާނެ ކަމަށެވެ.

"މި ބިލު ބުނާގޮތުން މިއަށް އަމަލު ކުރަން ޖެހޭނީ ތަސްދީގު ކުރެވި ގެޒެޓުގައި ޝާއިރު ކުރާ ދުވަހުން ފެށިގެން. އަދި އަޅުގަނޑުމެން ގަބޫލް ކުރަމުން އަންނަ ގޮތަކީ އަބަދު ވެސް ގާނޫނުތަކަށް އަމަލު ކުރާނީ އެ ގާނޫނެއް ތަސްދީގު ކުރާ ދުވަހުން ފެށިގެން. އޭގެ ފަހަތަކަށް ގާނޫނެއް މިހާތަނަށް ވެސް ނުހިނގައި،" ނަޝީދު ވިދާޅުވި އެވެ.