ހަބަރު

ނަޝީދަށް އިނާޔަތް ނުލިބޭނެ ގޮތަށް ބިލެއް ފާސްކޮށްފި

ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކު، ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވާ ނަމަ، އެ ބޭފުޅަކަށް ދައުލަތުން ލިބޭ އިނާޔަތްތަކާއި ރައްކާތެރިކަން ކަނޑާލުމަށް މަޖިލީހުން މިއަދު ބިލެއް ފާސްކޮށްފި އެވެ. ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޖިނާއީ ހުކުމެއްގައި މިހާރު ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމަނިކުފާނު 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމަށް ފަހު އިނގިރޭސިިވިލާތަށް ބޭސްފަރުވާއަށް ވަޑައިގެންނެވުމުގެ ހުއްދަ ދިނީ ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުންނެވެ.

ސަރުކާރު ފަރާތުން ދިއްދޫދާއިރާގެ މެމްބަރު އަބްދުލަތީފް މުހައްމަދު ހުށަހެޅި މި ބިލު ފާސްކުރުމަށް 34 މެންބަރުންގެ ވޯޓު ބޭނުންވާ އިރު ބިލު ފާސްކުރުމަށް 43 މެންބަރުން މިއަދު ވަނީ ވޯޓު ދެއްވައިފަ އެވެ. އަދި ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 23 މެންބަރުންނެވެ. އެގޮތުން ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއިން މި ބިލު ދިރާސާ ކުރި ގޮތަށް ފާސްވި އެވެ.

މި ބިލުގައި ބުނެފައި ވަނީ ރައީސްކަން ކުރައްވާފައި ހުރި މީހަކު ކުރެއްވި ކުށަކާ ގުޅިގެން ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެ ނަމަ، އޭނާ އަށާއި އޭނާގެ އަނބިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތައް ނުލިބޭނެ ކަމަށެވެ.

މި ބިލަށް ބަހުސް ކުރެއްވި ގިނަ ޕީޕީއެމް މެންބަރުން ވިދާޅުވަނީ ރައީސްކަން ކުރައްވާފައިވާ ފަރާތަކަށް ދޭން ޖެހޭ އިނާޔަތްތާއި ރައްކާތެރިކަން ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް ގައުމެއްގެ ވެރިކަން ކޮށްފައިވާ ފަރާތެއް މަގާމުން ވަކިވުމަށް ފަހު ޖިނާއީ ކުށަކަށް އަރައިގަނެފައިވާ ނަމަ އިނާޔަތްތަށް ލިބެން ޖެހިގެން ނުވާނެ ކަމަށާއި އެއީ އެފަދަ ފަރާތެއް ޖިނާއީ ކުށަކަށް އަރައި ގަތުމުން އެބޭފުޅުންވެސް ދުރު ކުރުމަށް ކަމަށެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީ އިން ބުނަމުން އައި މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މަޖިލީހަށް ވެއްދި ބިލެއް ކަމަށާއި ކުރިން ރައީސްކަން ކޮށްފައި ހުރި މީހެއްގެ ކުރި ކުށަކުން އެމީހެއްގެ އަނބިކަނބަލުންގެ ހައްގުތައް ނިގުޅައި ގަތުމަކީ އެއީ އިންސާފެއް ނޫން ކަމަށެވެ.