ހަބަރު

އިނާޔަތް ދޭނީ ރައްޔިތުން، ގާނޫނަކުން ނޫން: ނަޝީދު

އިހުތިރާމާއި އިނާޔަތަކީ ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ކަމެއް ކަމަށާއި އެއީ ގާނޫނަކުން އުފައްދާ އުވޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިގޮތަށް ވާހަކަ ދައްކަވާފައިމިވަނީ، ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކު، ޖިނާއީ ހުކުމެއް ތަންފީޒު ކުރައްވާ ނަމަ، އެ ބޭފުޅަކަށް ދައުލަތުން ލިބޭ އިނާޔަތްތަކާއި ރައްކާތެރިކަން ކަނޑާލުމަށް މަޖިލީހުން މިއަދު ބިލެއް ފާސްކޮށްފައިވަނިކޮށެވެ. ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ޖިނާއީ ހުކުމެއްގައި މިހާރު ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ. މި އިސްލާހުގައިވާ ގޮތުން ރައީސް ނަޝީދަށް ލިބެމުންދާ އިނާޔަތްތައް ކެނޑޭނެ އެވެ.

މި ބިލުގައި ބުނެފައި ވަނީ ރައީސްކަން ކުރައްވާފައި ހުރި މީހަކު ކުރެއްވި ކުށަކާ ގުޅިގެން ހުކުމެއް ތަންފީޒު ކުރަން ޖެހިއްޖެ ނަމަ، އޭނާ އަށާއި އޭނާގެ އަނބިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތައް ނުލިބޭނެ ކަމަށެވެ.

ރައީސް ނަޝީދު ޓްވިޓާ މެދުވެރިކޮށް ވިދާޅުވެފައިވަނީ، އަބަދުވެސް ދެކެނީ ގަދަރާއި އިހުތިރާމް އަދި އިނާޔަތަކީ ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ކަމެއް ކަމަށާއި އެއީ ގާނޫނުން އުފައްދާ އުވޭ ކަމެއް ނޫން ކަމަށެވެ.

މި ބިލަށް ބަހުސް ކުރެއްވި ގިނަ ޕީޕީއެމް މެންބަރުން ވިދާޅުވަނީ ރައީސްކަން ކުރައްވާފައިވާ ފަރާތަކަށް ދޭން ޖެހޭ އިނާޔަތްތާއި ރައްކާތެރިކަން ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް ގައުމެއްގެ ވެރިކަން ކޮށްފައިވާ ފަރާތެއް މަގާމުން ވަކިވުމަށް ފަހު ޖިނާއީ ކުށަކަށް އަރައިގަނެފައިވާ ނަމަ އިނާޔަތްތަށް ލިބެން ޖެހިގެން ނުވާނެ ކަމަށާއި އެއީ އެފަދަ ފަރާތެއް ޖިނާއީ ކުށަކަށް އަރައި ގަތުމުން އެބޭފުޅުންވެސް ދުރު ކުރުމަށް ކަމަށެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީ އިން ބުނަމުން އައި މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މަޖިލީހަށް ވެއްދި ބިލެއް ކަމަށާއި ކުރިން ރައީސްކަން ކޮށްފައި ހުރި މީހެއްގެ ކުރި ކުށަކުން އެމީހެއްގެ އަނބިކަނބަލުންގެ ހައްގުތައް ނިގުޅައި ގަތުމަކީ އެއީ އިންސާފެއް ނޫން ކަމަށެވެ.