ޓެކްނޯލޮޖީ

ރެޑިޓްގެ މޯބައިލް އެޕްލިކޭޝަން ލޯންޗުކޮށްފި

ގިނަބަޔެއްގެ މަޝްހޫރުކަން ހޯދައިފައިވާ ސޯޝަލް ނެޓްވާކެއް ކަމަށްވާ ރެޑިޓްއިންގެ މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްފި އެވެ.

ރެޑްއިޓް އިން މިއެޕްލިކޭޝަން ނެރެފައިވަނީ އައިއޯއެސް ގެ އިތުރުން އެންޑްރޮއިޑްގެ ޑިވައިސް ތަކަކަށެވެ. މި އެޕްލިކޭޝަން މިހާރު އެޕްސްޓޯއިން އަދި ޕްލޭ ސްޓޯއިން ހިލޭ ޑައުންލޯޑް ކުރެވޭނެ އެެވެ.

މީގެ ކުރިން ރެޑިޓްގެ ހިދުމަތް ފޯނުތަކަށް އެޕްލިކޭޝަނެއްގެ ގޮތުގައި ދެމުންދިޔައީ އެ ނެޓްވާކް ބޭނުން ކުރަމުންދިޔަ ފަރާތެއް ޑިވެލޮޕް ކުރި އޭލިޔަން ބުލޫ ކިޔާ އެޕްލިކޭޝަނެއްގެ ޒަރިއްޔާއިންނެވެ. މި އެޕްލިކޭޝަން ރެޑްއިޓްއިން ގަނެ ޕްލޭސްޓޯ އަދި އެޕްސްޓޯއިން މިއެޕްލިކޭޝަން ނަގައިފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި އެޕްލިކޭޝަން ނެގުމަށް ފަހު ރެޑްއިޓް އިން ވަނީ ރަސްމީ އެޕްލިކޭޝަނެށް ނެރޭނެ ކަން މިދިޔަ މާޗު މަހުގެ ތެރޭގައި އިއުލާންވެސް ކޮށްފައެވެ.

މިއެޕްލިކޭޝަން ގެ ޑިޒައިން ރެޑިޓްގެ ވެބްސައިޓާ ވަރަށް ވެސް ތަފާތެވެ. ރެޑްެއިޓްގެ ވެބްސައިޓަކީ ވަރަށް އާދައިގެ އަދި މާ ގިނަ ޑިޒައިން ތަކެއްހުރި ސައިޓަކަށް ނުވިނަމަވެސް ރެޑިއިޓްގެ އެޕްލިކޭޝަން ޑިޒައިންކުރެވިފައިވަނީ ވަރަށް ރީތި އަދި ބަލާލަން ފަސޭހަ ގޮތަކަށް ވާއިރު ގިނަ ބަޔަކު ބުނާ ގޮތުގައި މިއެޕްލިކޭޝަނަކީ ވަރަށް ވެސް ފުރިހަމަ އެޕްލިކޭޝަނެކެވެ.

ރެޑިޓްއަކީ ދުނިޔޭގެ ވަރަށް ވެސް މަޝްހޫރު އޮންލިއިން ފޯރަމަކަށް ވާއިރު މި އެޕްލިކޭޝަން ވެގެންދާނީ ރެޑިޓް ބޭނުންކުރާ ފަރާތްތަކަށް ވަރަށް ވެސް ބޮޑު ފަސޭހައަކަށެވެ.