ދުނިޔެ

މައިކްރޮސޮފްޓް ކޯޕައިލެޓް ބޭނުންކުރުން މަނާކޮށްފި

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އާންމު މުވައްޒަފުން މައިކްރޮސޮފްޓް ކޮޕައިލެޓް ބޭނުންކުރުން މަނާކޮށްފި އެވެ.

އެމެެރިކާގެ ކޮންގްރެސްއިން މިކަން އަދި އިއުލާން ނުކުރި ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާ ހަވަލާދީ މި ހަބަރު މިހާރު އޮތީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.

މައިކްރޮސޮފްޓް ކޯޕައިލެޓަކީ "އޭއައި އެސިސްޓަންޓް" އެކެވެ. ބާރުގަދަ "ޗެޓްބޮޓް" އެކެވެ.

މަޝްހޫރު ކުންފުނިތައް އޭއައި ޓެކްނޮލޮޖީއަށް ވަދެގެން އަންނައިރު -- ޗެޓްޖީޕީޓީއާ ވާދަކުރަން މައިކްރޮސޮފްޓުން އުފެއްދީ ކޯޕައިލެޓެެވެ.

މައިކްރޮސޮފްޓް ކޯޕައިލެޓާއި ޗެޓްޖީޕީޓީ އަކީ ދާދި އެއް ޓެކްނޮލޮޖީ އެކެވެ. އާޓިފިޝަލް އިންޓެލިޖެންސަށް ދުނިޔެ ހުޅުވިގެން އަންނައިރު މި ދެ އިންޖީނުން ވެސް ކޮށްދެނީ އެއް މަސައްކަތެކެވެ.

މައްސަލަތަކަށް އޮޓަމެޓިކުން ހައްލު ހޯދައި ދިނުމާއި ލިޔުންތައް -- އެގްރީމަންޓްތަކާއި ގަވާއިދުތައް ލިޔެ ކުށްފިލުވުން ކޯޑްކުރުން އަދި މަދަރުސާ ފިލާވަޅުތައް ހަދައިދިނުން ފަދަ އާދައިގެ އިންސާނަކަށް ވިސްނަން ދަތި އެތައް ފަސޭހަތަކެއް މި އެޕްލިކޭޝަންތަކުން ކޮށްދެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ކޮންގްރެސްގައި މައިކްރޮސޮފްޓް ކޯޕައިލެޓް ބޭނުންކުރުން މަނާކުރީ ވަކި މީހަކު މާމޮޅު ލިޔުމެއް ލިޔެފާނެ ކަމަކަށް ނޫނެވެ. އެއީ ސަލާމަތީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް މެމްބަރުންނާ ހަވާލާދީ ހަބަރުތައް ބުނެ އެވެ.

މައިކްރޮސޮފްޓް ކޯޕައިލެޓް ބޭނުންކޮށް ލިޔާ ލިޔުމެއް ނުވަތައް އުފައްދާ މައުލޫމާތެއް، އެ ޕްލެޓްފޯމް ބޭނުންކުރާ އެހެން ބަޔަކާ ހިއްސާކޮށްފާނެ ކަމަށް ބިރުން މި ފިޔަވަޅު އަޅަން ޖެހުނީ ކަމަށް މަޖިލީހުން ބުންޏެވެ.

ގާނޫނު ހަދާ މަޖިލީހުގެ ލިޔުންތައް އާންމުންނަށް ލީކުވުމަކީ ވަރަށް ބޮޑު ގެއްލުމަކަށް ވެދާނެ ކަމަށް މަޖިލީހުން ބުނާ ކަމަށް ހަބަރުތައް ބުނެ އެވެ.