ދުނިޔެ

މައިކްރޮސޮފްޓުން ވިންޑޯޒް 11 އަށް، އާ ސްކްރީން ރެކޯޑަރެއް

މައިކްރޮސޮފްޓް ވިންޑޯޒް 11 އާންމު ބޭނުންތަކަށް ދޫކޮށްލާފައި އޮތް ނަމަވެސް އެއީ މުޅިން އާ އޮޕަރޭޓިން ސިސްޓަމެއް ނޫނެވެ. ވިންޑޯޒް 10 އިން ފެށިގެން މުޅި އާއިލާގެ ކުރިއެރުން ވިންޑޯޒް 11 އަށް އޮތީ ވާރުތަވެފަ އެވެ.

ވިންޑޯޒް 10 އަދި ވިންޑޯޒް 11 ބޭނުންކުރާއިރު ތަޖުރިބާކުރަން ޖެހޭ ދަތިތަކުގެ ތެރޭގައި "އޮން ސްކްރީން" ކޮންޓެންޓް ރެކޯޑްކުރުން ތަކުލީފަކަށް ވެއެވެ. މިކަން ކުރުމަށް މިހާތަނަށް ވިންޑޯޒް މެދުވެރިކޮށް ފޯރުކޮށްދީފައި އޮންނަ ހައްލަކީ މައިކްރޮސޮފްޓް އެކްސްބޮކްސް "ގޭމް ބާ" ބޭނުންކުރުމެވެ.

އެހެން ނަމަވެސް، ކޮންމެ ކަމަކަށް ވެސް ނިމުމެއް އޮންނަ ކަމަށް ބުނާ ގޮތަށް އެކްސްބޮކްސް ގޭމް ބާ، ބޭނުން ނުކޮށް ފަރުޖެހޭނެ ގޮތެއް މައިކްރޮސޮފްޓުން އެބަ ބަލަ އެވެ.

މައިކްރޮސޮފްޓުން ބުނާ ގޮތުން ވިންޑޯޒް 11 އަށް ހާއްސަ ސްކްރީން ރެކޯޑާއެއް މިހާރު އޮތީ އުފައްދާފަ އެވެ. ޑިވެލޮޕަރުންނަށް މިހާރު އޮތް މަސައްކަތަކީ އޭގައި ހުރި ކުށް -- ބަގުފިލުމެވެ.

ޑިވެލޮޕަރުންނަށް ކަމުދާވަރު ވުމުން ވިންޑޯޒް 11 ގެ "ސްނިޕިންގް ޓޫލް" ތެރެއަށް "އޮން ސްކްރީން ރެކޯޑިން" ފިޗާ ލާނެ ކަމަށް ވެސް މައިކްރޮސޮފްޓުން ބުނެ އެވެ.

ވިންޑޯޒް 10 އަދި ވިންޑޯޒް 11 ބޭނުންކުރުމުގައި މީގެ ކުރިން ސްކްރީން ރެކޯޑްކުރުމަށް ތިންވަނަ ފަރާތެއްގެ އެހީ ހޯދަން ޖެހެ އެވެ. ބައެއް ފަހަރު -- ގިނަ މީހުންނަށް މިއީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. އުސޫލެއްގެ ގޮތުން ގިނަ މީހުންގެ ޝަކުވާ އަކީ ވިންޑޯޒްގައި މި ފީޗާ ހުންނަން ޖެހޭ ކަމަށް ގަބޫލުކުރުމެވެ.

މައިކްރޮސޮފްޓުން ބުނީ މިއީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. މި ފީޗާ އާއެކު ވިންޑޯޒް ބޭނުންކުރާ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެެވެ. އަދި ވިންޑޯޒް އަކީ އަމިއްލަ މާހައުލެއް ކަމަށް ގަބޫލުކުރެވޭނެ ކަމަށެވެ.