މައިކްރޮސޮފްޓް ޓީމްސް، މައިކްރޮސޮފްޓް އޮފީސް ޕެކޭޖުން ބޭރުކޮށް ވަކި އެޕްލިކޭޝަނެއް ގޮތުގައި ވިއްކަން ފަށައިފި އެވެ.
މިއީ ވިޔަފާރީގައި ވާދަވެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން މައިކްރޮސޮފްޓުން ކުރި ކަމެއް ނޫނެވެ.
މައިކްރޮސޮފްޓް އޮފީސް ޕެކޭޖްގައި ޓީމްސް ހިމަނައިގެން ވިއްކުމަކީ މައިކްރޮސޮފްޓަށް ވަރަށް ބޮޑު ފައިދާއަކަށް ވާނެ ކަމެއް ކަމަށް ވާދަވެރިން ދިޔައީ ބުނަމުންނެވެ. ނަމަވެސް މައިކްރޮސޮފްޓުން މިކަން ބަލައިނުގަނެ އެ ކުންފުންޏަށް ފައިދާވާ ގޮތަށް އޮފީސް ޕެކޭޖް ވިއްކަމުން ދަނިކޮށް ޔޫރަޕިއަން ޔޫނިއަނުން ވަނީ އެކަން މަނާކޮށްފަ އެވެ. އެހެންކަމުން މައިކްރޮސޮފްޓަށް ޖެހުނީ ވަކި އެޕްލިކޭޝަނެއް އަދި ވަކި ހިދުމަތެއް ގޮތުގައި ޔޫރަޕްގެ ގައުމުތަކަށް ޓީމްސް ލިބޭނެ ގޮތް ހަދާށެވެ.
ޔޫރަޕިއަން ޔޫނިއަނަށް މި ބަދަލު ގެނައިތާ ދޮޅު އަހަރު ފަހުން މައިކްރޮސޮފްޓުން މިވަނީ އޮފީހުން ޓީމު ބޭރުކޮށް މުޅި ދުނިޔެއަށް އެކަން އާންމުކޮށްފަ އެވެ.
މީގެ މާނަ އަކީ މައިކްރޮސޮފްޓް އޮފީސްގެ ހިދުމަތާ އެކު މިހާރު ޓީމްސް ނުލިބޭނެ ކަމެވެ. އަދި ޓީމްސްއާ އެކު އޮފީސް ޕެކޭޖްގައި ހިމެނޭ އެހެން އެއްވެސް އެޕްލިކޭޝަނެއް ވެސް ނުލިބޭނެ ކަމެވެ.
މައިކްރޮސޮފްޓުން މީގެކުރިން ޓީމްސް އިން ފައިދާ ހޯދަމުން އައީ އެ ކުންފުނިން ވިއްކާ އެހެން އެޕްލިކޭޝަންތަކުގެ ނިވަލުގައެވެ. މިއީ ވިޔަފާރީގައި ކޮންމެ ކޮންމެ ކުންފުންޏަކަށް ލިބެން ނެތް ފައިދާ އެކެވެ. މިހެން ކަން އޮތުމުން ދުނިޔޭގެ ކޮންމެވެސް ގައުމެއްގައި މައިކްރޮސޮފްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް މިބަދަލު ގެނައީ އެވެ.