ދުނިޔެ

ޑްރޮޕްބޮކްސް ޕާސްވޯޑް މެނޭޖާ: 50 ޕާސްވޯޑް ހިލޭ

ޑްރޮޕްބޮކްސް ޕާސްވޯޑް މެނޭޖާ އަގު ނުނަގައި ބޭނުން ކުރެވޭ ގޮތް ޑްރޮޕްބޮކްސްއިން ހަދައިފި އެވެ. އެކަމަކު އެއީ ވަކި އަދަދަކަށެވެ. ޑްރޮޕްބޮކްސްއިން ބުނީ ޕާސްވޯޑް މެނޭޖާ މުޅިން ހިލޭ ބޭނުން ކުރެވޭނީ 50 ޕާސްވޯޑް ރައްކާކުރަން ކަމަށެވެ. ޑްރޮޕްބޮކްސް ފްރީ އެކައުންޓެއް އޮންނަ ކޮންމެ މީހަކަށް މިއަދަދަށް ޕާސްވޯޑް ރައްކާ ކުރެވޭނެ ކަމަށެވެ.

ޑްރޮޕްބޮކްސް ޕާސްވޯޑް މެނޭޖާއަކީ އެޕްލިކޭޝަނެކެވެ. "ލާސްޓްޕާސް" ބޭނުންކުރާ މީހުންނަށް ޕާސްވޯޑް މެނޭޖާ އަލެއް ނުވާނެ އެވެ. މިއީ ދާދި އެއްބޭނުމެއް ހިފޭ ދެ އެޕްލިކޭޝަނެކެވެ. ޑްރޮޕްބޮކްސްއިން ޕާސްވޯޑް މެނޭޖާގެ އަގު ހެޔޮކޮށް އަދި މުޅިން ހިލޭ ބޭނުން ކުރެވޭ ގޮތް ހަދާފައި ވަނީ ލާސްޓްޕާސް ބޭނުންކުރާ މީހުން ދަހި ކުރުމަށްޓަކަ އެވެ.

ލާސްޓްޕާސްއިން ވަނީ ހިލޭ ބޭނުން ކުރެވޭ ނިސްބަތް ހަނިކޮށްފަ އެވެ. އެގޮތުން ހިލޭ ބޭނުން ކުރެވޭނީ އެއްޑިވައިސްގަ އެވެ. އެހެން ކަމުން، ސްމާޓްފޯނާއި ޓެބްލެޓް އަދި ޑެސްކްޓޮޕް ބޭނުންކުރާ މީހުން ލާސްޓްޕާސް ބޭނުންކުރަން އެދޭ ނަމަ ޖެހޭނީ ވަކި ޕްކޭޖެއް ގަންނާށެވެ.

ޕާސްވޯޑްމެނޭޖާ އަދި ލާސްޓްޕާސްއިން ކޮށްދޭ ކަމަކީ -- މިސާލަކަށް އެމެޒޯން ނުވަތަ ބޭންކް އޮފް މޯލްޑިވްސް އޮންލައިން ޕޯޓަލްއަށް ބްރައުޒާއިން ވަންނަ ނަމަ ލޮގިން ޕޭޖްގައި އަބަދާއަބަދު ޔޫޒާނޭމް އަދި ޕާސްވޯޑްޖެހުމުގެ ބަދަލުގައި، އެއްފަހަރު ޖަހައި ޕާސްވޯޑްމެނޭޖާގައި ޔޫޒާނޭމްއާ ޕާސްވޯޑް ރައްކާކުރުމެވެ. އެގޮތުން ޕާސްވޯޑް މެނޭޖާ ހުޅުވާލުމަށް ފަހު ވަންނަން ބޭނުން ސައިޓަކަށް ފިތާލުމުން ދެންކުރަން ހުރި ހުރިހާ ކަމެއް އެޕްލިކޭޝަނުން ކޮށްދެ އެވެ. ހަނދާނުގައި ބަހައްޓަންޖެހެނީ ޕާސްވޯޑް މެނޭޖާގެ ޕާސްވޯޑް އެކަންޏެވެ.

ޑްރޮޕްބޮލްސްގެ ވިސްނުމަކަށް ވާނީ ވެސް 50 ޕާސްވޯޑަށް ވުރެ އިތުރަށް ޕާސްވޯޑް މެނޭޖާގައި ރައްކާކުރަން އެދޭ ނަމަ އަގެއް ނެގުމެވެ. މިޒަމާނުގައި އެއްސައިޓެއްގެ ދެވަނަ ޕޭޖަށް ވަންނަން ވެސް ޕާސްވޯޑްޖަހަން އެދޭއިރު 50 ޕާސްވޯޑު ހުސްވެ ހާލުގައި ޖެހުން އޮންނާނީ ވަރަށް ގާތުގަ އެވެ.