ހަބަރު

ފެނާއި ނަރުދަމާ ގާއިމް ކުރަން ބައެއް ރަށްތަކުން އެއްބާރުލުން ނުދޭ: ތޯރިގު

ރައީސް އަބްދުﷲ ޔާމިންގެ ވައުދު ފުއްދުމަށްޓަކައި ސަރުކާރުން ބާރު ސްޕީޑެއްގައި މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބައެއް ރަށްރަށުން ލިބެންޖެހޭ އެއްބާރުލުން ނުލިބިގެން މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވަމުންދާ ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ތ. ހިރިލަންދޫއާއި ތ. ކިނބިދޫ ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަޝްރޫއު ފެށޭނެ ތާރީހެއް ސާފުކުރުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ތޯރިގު ވިދާޅުވީ ވީހާވެސް ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަކީ ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އެގޮތުން ދެ އަހަރުގެ ތެރޭގައި 10 ރަށުގައި ސާފު ބޯފެނުގެ ނިޒާމާ 10 ރަށުގައި ނަރުދަމާގެ ނިޒާމު މިހާރު ގާއިމުކުރެވިފައިވާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ވައުދު ފުއްދުމަށްޓަކައި ސަރުކާރުން ބާރު ސްޕީޑެއްގައި މަސައްކަތް ކުރަމުންދާ އިރު، ފެނާ ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ ޑިޒައިން މަސައްކަތުގައި ބައެއް ރަށްރަށުން ލިބެންޖެހޭ އެއްބާރުލުން ނުލިބޭކަން މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ސަބަބުން މަސައްކަތްތައް ވަރަށް ބޮޑަށް ލަސްވަމުންދާ ކަމަށާއި އެއީ ކުރިމަތިވެފައި ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.

"އިއްޒަތްތެރި މެންބަރުން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރައްވައިފި ކަމަށްވަންޔާ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ވީހާވެސް ގިނަ ރައްޔިތުންނަށް ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ސަރުކާރުން މިދަނީ ރައީސް އަބްދުﷲ ޔާމިން ގެންދަވަނީ ކުރައްވަމުން،" ތޯރިގު ވިދާޅުވި އެވެ.

މިސަރުކާރުން ފެނުގެ ނިޒާމު ގާއިމުކުރެވިފައިވާ 10 ރަށްތަކުގެ ނަން ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ހއ. އިހަވަންދޫ، ހއ. ތުރާކުނު، އއ. އުކުޅަސް، އދ. މަހިބަދޫ، އދ. މާމިގިލި، މ. ދިއްގަރު، މ. މުލައް، ގދ. ގައްދޫއާއި އައްޑޫ ސިޓީގެ ހުޅުދޫ އާއި ފޭދޫ ގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކޮށްފައިވެއެވެ.