ހަބަރު

ޝުމްބާއަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

މީހަކަށް މަރުގެ އިންޒާރުދިން ކަމުގެ ދައުވާ ކޮށްފައިވާ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު އަޝްރަފް، (ޝުމްބާ ގޮންގް)އަށް ކަރެކްޝަންސްގެ އޮފިސަރުން އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ހައްވާ ވަޖުދާ މިއަދު ވިދާޅުވީ، އެފަދަ މައްސަލައެއް ފެންމަތިވެފައިވާތީ، އެ މައްސަލަ އެޗްއާރްސީއެމްއިން ބަލަމުންދާ ކަމަށެވެ.

ޝުމްބާގެ އާއިލާއިން ބުނެފައިވަނީ، ޝުމްބާގެ ހަށިގަނޑުގައި އަނިޔާކޮށްފައިހުރި ނިޝާންތައް ފެންނަން ހުރި ކަމަށާއި އޭނާގެ ގަޔަށް ހޫނު ފެން ވެސް އަޅާފައިވާ ކަމަށެވެ. އެގޮތަށް ޝުމްބާއަށް އަނިޔާކުރީ އޭނާ ބަހައްޓާފައި ހުންނަ ގޮޅީގެ ފާހަނާގައި ކެމެރާ ހަރުކުރުމުން އެ ކެމެރާ ހަލާކުކޮށްލުމުން ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޝުމްބާއަށް އަނިޔާކުރި ކަމަށް ބުނެ، އޭނާގެ އާއިލާއިން ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށެވެ. ކަރެކްޝަންސްއިން އެއްވެސް ހާލެއްގައި ލާއިންސާނީ އަމަލެއް ނުހިންގާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ޝުމްބާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުއަށް އެކި ފަހަރު މަތިން ފޯނުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޒާރުދީ ބިރުދައްކާފައިވާ ކަމަށެވެ. އެކަމަށް ޝުމްބާ ވަނީ އިންކާރުކޮށްފަ އެވެ.

ޝުމްބާ، ލަންކާއިން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލައްވަން ރިޔާސީ ލޯންޗްކޮޅަށް ދިން ހަމަލާގެ ތަހުގީގަށެވެ. ޝުމްބާ އަކީ ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސަޕޯޓްކޮށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަމުން އައި އެބޭފުޅާ ގާތްފަރާތެކެވެ. އާންމުކޮށް ވެސް ކޮލަމްބޯގައި ދިރިއުޅޭ ޝުމްބާ އާއި އަދީބުއާ ބޮޑެތި ގުޅުންތަކެއް އޮންނަ ކަމަށް އަބަދުވެސް ތުހުމަތު ކުރެވެ އެވެ. އެގޮތުން އަދީބު ހިންގެވި ކަމަށް ތުހުމަތު ކުރާ އެކި ޖަރީމާ ތަކުގައި ޝުމްބާ ބައިވެރިވެފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

ޝުމްބާ ހައްޔަރުކޮށްފައި ވެސް މި ވަނީ އޭނާ ރާއްޖެ އައުމަށް އިންކްއަރީ ކޮމިޝަނުން ކުރި އިލްތިމާސްއަށް ގޮންޖަހައި އޭނާ ހައްޔަރު ނުކުރެވޭނެ ކަަމަށް ބުނެފައިވަނިކޮށެވެ.

ރިޔާސީ ލޮންޗްކޮޅުގެ ހަމަލާއާ ގުޅިގެން އިންކްއަރީ ކޮމިޝަނުން ހޯދުމަށް އިއުލާންކުރި އަށް މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޝުމްބާ އެކަންޏެވެ. އެ މައްސަލައިގައި ތުހުމަތުކުރެވިގެން ފުލުހުން ހޯދާ އެންމެންނަކީ ވެސް އަދީބުއާ ވަރަށް ގާތް މީހުންނެވެ.