ހަބަރު

"އައިހެވަން" ތަރައްގީ ކުރަން ޕާޓްނަރަކަށް ވާން ތައްޔާރު: މޯދީ

  • ޔާމީންއަކީ ރާއްޖެއަށް ރައްކާތެރިކަން ހޯދައިދެވޭނެ ބޭފުޅެއް
  • ރާއްޖެއަށް ރައްކާތެރިކަން ދިނުމަކީ އިންޑިއާގެ ވާޖިބެއް
  • އެއްބަސްވުންތަކުން ވިޔަފާރީގެ ގުޅުންތައް އިތުރުވާނެ

އިހަވަންދިއްޕޮޅުގައި ހަދާ ސްޕެޝަލް އިކޮނޮމިކް ޒޯން، އައިހެވަން ޕްރޮޖެކްޓް ކާމިޔާބުކުރުމަށް ރާއްޖެއާއެކު ޕާޓްނާޝިޕް އެގްރީމެންޓަކަށް ދާން އިންޑިއާއިން އޮތީ ތައްޔާރަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން މިއަދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެބޭފުޅުންގެ މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ހައިދްރަބާދް ހައުސްގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، އައިހެވަންގެ މަޝްރޫއަކީ ރައީސް އަބްދުﷲ ޔާމީން ނުހަނު އިސްކަމެއް ދެއްވާ މަޝްރޫއެއް ކަމަށެވެ. އަދި މިފަދަ މުހިންމު މަޝްރޫއެއްގައި އިންޑިއާއިން ބައިވެރިވުމަކީ ރާއްޖޭގެ އެދުމެއް ކަމަށާއި އެ މަޝްރޫއު ކާމިޔާބު ކުރުމަށް ރާއްޖެއާއެކު ޕާޓްނާ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރުމަށް އިންޑިއާ އޮތީ ތައްޔާރަށް ކަމަށް މޯދީ ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ، ރާއްޖެއަކީ އިންޑިއާއާއި ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމެއް އޮންނަ ގައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސުލްހައާއި ރައްކާތެރިކަމަކީ އިންޑިއާއިން އިސްކަންދޭ ކަމެއް ކަމަށެވެ. ރާއްޖެއަށް ރައްކާތެރިކަމާއި ހިމާޔަތްދިނުމަކީ އިންޑިއާގެ ވާޖިބެއް ކަމުގައި ދެކޭ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ. އަދި އެގޮތުގައި އިންޑިއާ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"ދެގައުމުގެ ގުޅުމަކީ ވަރަށް ގާތް ގުޅުމެއް. މި ސަރަހައްދުގައި ވެސް އަދި އިންޑިއާ ކަނޑުގެ ވެސް ސަލާމަތްތެރިކަަން ކަށަވަރުކޮށްދެވޭނީ ދެގައުމުގެ ގުޅުމަކީ ހަރުދަނާ ގުޅުމަކަށް ހެދިގެން. ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަކީ އިންޑިއާއިން އަބަދުވެސް ވިސްނާނެ ކަމެއް،" މޯދީ ވިދާޅުވި އެވެ.

ރާއްޖޭގެ ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޕްރޮގްރާމް ހިންގޭނެ މަގު ފަހިކޮށްދިނުމާއި ބެހޭ ގޮތުން ރައީސް އަބްދުﷲ ޔާމީން އާއި ވަފުދުގެ ބޭފުޅުން ނާއި މަޝްވަރާކުރެއްވި ކަމަށް މޯދީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހައްދުފަހަނައަޅާފައިވާ ވިސްނުންތަކުން ސަލާމަތްވުމާއި ޓެރަރިޒަމްގެ އަމަލުތަކުން އަރައިގަތުމަށް ވެސް މަޝްވަރާކުރެއްވި ކަމަށެވެ. އިންފޮމޭޝަން އެކްސްޗޭންޖް. އަދި ފުލުހުންނާއި ސިފައިން ތަމްރީންކުރުމަށް ރާއްޖޭގައި އިންސްޓިއޓިއުޝަނެއް ބިނާކުރުމަށް ދެފަރާތުން މިއަދު ވަނީ އެއްބަސްވެފަ އެވެ.

ރާއްޖެއިން ބާއްވާ ތިންވަނަ އިންވެސްޓްމަންޓް ފޯރަމަށް އިންޑިއާއިން މަރުހަބާ ދަންނަވާކަމަށް މޯދީ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ ފޯރަމަކީ ދެ ގައުމުގެ މެދުގައި ވިޔަފާރިގުޅުން ހަރުދަނާވެގެންދާނެ ކަމެއް ކަމަށެވެ.

"މިއަދު ސޮއިކުރި އެއްބަސްވުންތަކުން ދެ ގައުމުގެ އިގްތިސާދު ފުޅާވެގެންދާނެ. ދެގައުމުގެ ގުޅުން އިތުރަށް ހަރުދާނާ ވެގެންދާނެ. މީގެ އިތުރުން އިންޑިއާއިން ރާއްޖޭގައި އަޅައިދިން ހޮސްޕިޓަލް ތަރައްގީކޮށް ހިންގުމާއި ރާއްޖޭގެ ސިއްހީ ދާއިރާއަށް ޑޮކްޓަރުން ތަމްރީން ކުރުމާއި ބޭސް ފޯރުކޮށްދިނުމުގައި ވެސް އިންޑިއާ މި އޮތީ ތައްޔާރަށް،" މޯދީ ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންތައް ވަމުންދާ ގޮތާއި ރާއްޖޭގެ ސިޔާސީ ކަންކަން ހަރުދަނާކޮށް ހަމަޔަކަށް އެޅުވުމަށްޓަކައި ރައީސް ޔާމީންކުރައްވަމުންގެންދަވާ މަސައްކަތްތައް ރައީސް ޔާމީން އެމަނިކުފާނާއި ހިއްސާކުރެއްވި ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އަބަދުވެސް ހުންނަވާނީ ކޮންމެ ދަނޑިވަޅެއްގައިވެސް ރާއްޖެއަށް ކާމިޔާބާއި ރައްކާތެރިކަން ހޯއްދަވައިދެއްވުމުގައި ކަމަށް ގަބޫލުކުރައްވާ ކަމަށް މޯދީ ވިދާޅުވި އެވެ.