ހައުސިން ޔުނިޓް

ވާހަކަ ދިމަލެއް ނުވި! ފްލެޓްތަކުގެ ކުލި 30،000ރ. އަށް!

Apr 12, 2016
9
  • ކުރިން ބުނީ 9،000ރ. އަށް ފްލެޓް ލިބޭނެ ކަމަށް
  • މިހާރުގެ ކުއްޔަކީ ލަގްޒަރީ އެޕާޓްމަންޓްތައް ދޭ އަގު
  • ފްލެޓް ލިބުނު މީހުންގެ ކަންބޮޑުވުންތައް ވަނީ ބޮޑުވެފައި

ސޯޝަލް ހައުސިންގެ ދަށުން ގާ ކޮށީގަ އާއި އަރަބިއްޔާ ހުރި ބިމުގައި ހަދަމުން އަންނަ ޓާޓާ ފްލެޓްތަކުގެ މަހު ކުއްޔަށް 30،000ރ. ދައްކަން ޖެހޭތީ އެ ފްލެޓްތައް ލިބުނު އާންމުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ. އެ ދެ ތަނުގައި ހަދާފައިވާ ފްލެޓްތަކަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ހިންގި ވެށި ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ދީފައިވާ ފްލެޓްތަކެކެވެ.

ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު 2014 ވަނަ އަހަރު، ޓާޓާ ފްލެޓްތަކާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ، ވެށި ފަހި ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފްލެޓްތައް ދޭނީ މަހުގެ ކުލީގެ ގޮތުގައި 9،000ރ. އާއި 7،000ރ. އާ ދެމެދުގެ އަގެއްގައި ކަމަށެވެ. އަދި މާލޭގައި ހުރި ފްލެޓްތަކުގެ އަގު 2.9 މިލިއަން ރުފިޔާއަށް އަރާ އިރު، 25 އަހަރަށް ބަހާލައިގެން އެ ފައިސާ ދެއްކުމުގެ ފުރުސަތު ދޭނެ ކަމަށް މިނިސްޓަރު އޭރު ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް، އެ ފްލެޓްތައް ލިބޭނެ ކަމުގެ ލިޔުން އޭރު ދީފައިވާ ފަރާތްތަކަށް، މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ސޮއި ކުރައްވާ ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލު ކުރި ފަހުން ވެސް މިހާރު ތިން އަހަރު ފާއިތުވެގެން ދިޔުމާއި، 2010 ވަނަ އަހަރު މަސައްކަތް ފެށި އެ ފްލެޓްތަކުގެ މަސައްކަތް ނުނިމުމުގެ ސަބަބުން، ފްލެޓްތައް ހެދުމަށް ބޭނުންވާ އަގުތައް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ފްލެޓްތައް ހަދާފައި ވަނީ ވެސް އިޖްތިމާއީ ބޯ ހިޔާވަހިކަމުގެ އަގުތަކަށް ވުރެ މާ ބޮޑެތިކޮށް ކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ، އެ ސަބަބުތައް ހުރުމުގެ ސަބަބުން ސަރުކާރުން ނިންމާފައި ވަނީ، ފްލެޓެއްގެ އަގަކީ، ދެ މިލިއަން ރުފިޔާ ކަމަށް ހަމަޖައްސާ، ފަސް އަހަރުގެ ތެރޭގައި އެ ފައިސާ އެކީ ހަލާސް ކުރެވޭ މީހުންނަށް ފްލެޓް ހަވާލު ކުރަން ކަމަށެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި، ދެ މިލިއަން ރުފިޔާ ދައްކާ ނަމަ އެއީ މަހެއްގެ މައްޗަށް، 33،333ރ. އެވެ.

ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ މީހަކު އެކަމާ ގުޅިގެން "އަވަސް" އާ ވާހަކަ ދައްކަމުން ބުނީ، އެ މީހުން ވެށި ފަހި މާލެ ޕްރޮގްރާމުން ފްލެޓް ހޯދުމަށް ކުރިމަތިލީ ވެސް ވަރަށް ކުޑަ މަހު ކުއްޔެއްގައި އެކަށީގެންވާ ރަނގަޅު ފްލެޓްތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބުމުން ކަމަށެވެ. އަދި އޭރު މައުލޫމާތު ދީފައިވާ ގޮތުން މަހު މުސާރައިގެ 20 ޕަސެންޓަށް ވުރެ، ފްލެޓަށް ދައްކަން ޖެހޭ ކުލީގެ އަދަދު ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެންމެ އަގު ބޮޑު ރެހެންދި ފްލެޓްތައް ވެސް ދެ މިލިއަން ރުފިޔާއަށް އެއް ފަހަރާ ވިއްކަމުން އަންނަ އިރު، ޓާޓާ ފްލެޓްތައް އެއަށް ވުރެ ފެންވަރު ދަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"މިއީ ސޯޝަލް ހައުސިން އަކަށް ނުފުދޭ. ގޭގައި އުޅޭ އެންމެންގެ މުސާރައަށް ގާތްގަނޑަކަށް 30،000ރ. ވެސް މަހަކު ނުލިބޭނެ. އެހެން ވީމާ ކިހިނެތްތޯ އެވަރު ބޮޑު ކުއްޔެއް ދައްކާނީ. މިއީ އެންމެ ލަގްޒަރީ އެޕާޓްމަންޓްތަކަށް ދައްކާ ވަރުގެ ބޮޑު ކުއްޔެއް. އަޅުގަނޑުމެން ރެހެންދި ފްލެޓަށް ބަލާ އިރު އެތަނުގައި ކޮންމެ ކޮޓަރިއެއްގައި އެޓޭޗް ބާތްރޫމް އާއި ރީތި އިންޓްރީއާ އަދި ފަރުނީޗަރު ހުރެފައި އެބަ ވިއްކާ ދެ މިލިއަނަށް. އެކަމަކު ޓާޓާ ފްލެޓްތަކުގައި ފަރުނީޗަރެއް ނުހުރޭ ތިން ކޮޓަރީގައި އެޓޭޗް ފާހާނާއެއް ނުހުރޭ،" ތިން ދަރިން ގޮވައިގެން އުޅޭ އޭނާ ބުންޏެވެ.

އެ ކަންބޮޑުވުންތައް ބޮޑުވެގެން ގޮސް އެންމެ ފަހުން މަޖިލީހަށް ވަނީ މައްސަލައިގެ ގަރާރެއް ވެސް ވައްދައިފަ އެވެ.

އެ މައްސަލައިގައި ހައުސިން މިނިސްޓްރީ އިން އަދި ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ. ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އަޅާ ފްލެޓްތަކުގެ މަސައްކަތް ހުއްޓިފައި ހުރުމަށް ފަހު މިދިޔަ އަހަރު ފަހުކޮޅު މަސައްކަތް ފަށައިގަނެ އެތަން ވަނީ މިހާރު ނިމުމަކާ ކައިރިވެފަ އެވެ.