ޓޫރިޒަމް

މެދުއިރުމަތީ ޓޫރިސްޓުންނަށް އަމާޒުކޮށް މަޓާޓޯއިން ރިއާދު ފެއާއަށް

Apr 13, 2016

މެދުއިރުމަތިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމުގެ ގޮތުން ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ އިން "ރިއާދު" ފެއާގައި ބައިވެރިވެއްޖެ އެވެ.

ޓްރެވަލް އެޖެންޓުގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސައޫދީއަރަބިއްޔާގެ ރިއާދު ގައި ކުރިއަށްދާ މި ފެއާގައި އެ ޖަމިއްޔާގެ މެންބަރު ހަ ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށެވެ.

މި އަހަރުގެ ރިއާދު ފެއާގައި ދުނިޔޭގެ 55 ގައުމަކުން 250 ބައިވެރިން ބައިވެރިވެފައިވެ އެވެ.

ރިއާދު ފެއާ އިންތިޒާމުކުރާ އޭއެސްއޭއެސްގެ ޖެނެރަލް މެނޭޖަރު ބަންދަރު އަލް ގާނީ ވިދާޅުވީ މި ފެއާއަށް ލިބެމުންދާ ތަރުހީބު ދުވަހެއް ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.

"މިދިޔަ އަހަރު 219 އެގްޒިބިޓަރުން ބައިވެރިވެ، 17،572 ފަރާތަކުން ފެއާއަށް ޒިޔާރަތް ކުރި. މިއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 15 ޕަސެންޓް އިތުރު އަދަދެއް،" ގާނީ ވިދާޅުވި އެވެ.

މެދުއިރުމައްޗަކީ ރާއްޖެއަށް އެންމެ އުންމީދީ އެއް މާކެޓެވެ. މި ސަރަހައްދުން އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ސައޫދީ އަރަބިއްޔާ އެވެ. އެ ގައުމަށް ސީދާ ދަތުރުތައް ސައޫދީ ގައުމީ އެއާލައިނުން މިހާރު ވަނީ ފަށާފަ އެވެ.