ރަށުގައި ތިބެގެން ވަޒީފާއާ ބެހޭ ޓްރެބިއުނަލް އަށް މައްސަލަ ހުށެހެޅޭ އިސްލާހު ރައްޔިތުންގެ މަޖިލީހުން އިތުރަށް ދިރާސާ ކުރަން ނުފެންނަ ކަމަށް ފާސްކޮށް އެއިސްލާހު ބޭރުކޮށްލައިފި އެވެ.
އެމްޑީޕީ ފަރާތުން ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ހުށަހެޅި އިސްލާހު އިތުރަށް ދިރާސާ ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 22 މެމްބަރުންނެވެ. ނަމަވެސް އެއިސްލާހު ބޭރުކޮށްލަން 40 މެމްބަރުން ވޯޓު ދިނުމާއި އެކު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން އިތުރަށް ދިރާސާ ކުރަން ނުފެންނަ ކަމަށް ނިންމުމުން އެ އިސްލާހު ބާތިލުކުރި އެވެ.
ފައްޔާޒު ހުށަހެޅި މި އިސްލާހުގައި ބުނެފައި ވަނީ ޓްރެބިއުނަލް ގޮތްޕެއް ގާއިމްކޮށްފައި ނުވާ ރަށްތަކުން ވެސް ވަޒީފާގައި ދިމާވާ މައްސަލަތައް އެރަށެއްގެ ހިމެނޭ ޖުޑިޝިއަލް ދާއިރާގެ ދަށު ކޯޓެއް މެދުވެރިކޮށް ވަޒީފާއާ ބެހޭ ޓްރެބިއުނަލް އަށް މައްސަލަ ހުށެހެޅޭނެ ކަމަށެވެ. ފައްޔާޒު ވިދާޅުވީ މިއީ އަތޮޅުތަކު ތެރޭގައި މަސައްކަތް ކުރާ މީހުނަށް ވަރަށް ދަތިވެފައިވާ ކަމަށާއި މި އިސްލާހު ހުށަހެޅީ އެހުރިހާ ފަރާތްތަކަށް ވެސް ފަސޭހަ ގޮތަކަށް ގާނޫނު ބަދަލު ގެނެސްގެން މައްސަލަ ހައްލު ކުރަން ކަމަށެވެ.
އެމްޑީޕީއިން ހުށަހެޅި މި އިސްލާހުގެ ބަހުސްގެ މަރުހަލާގައި ޕީޕީއެމްގެ ގިނަ މެމްބަރުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް އެއިސްލާހު ދިރާސާ ކުރާ އިޖްތިމާއީ ކޮމިޓީގައި ސްޕްރީމް ކޯޓުގެ ހިޔާލަކަށް އެދުމުން އެ ކޯޓުން ނިންމަވާފައި ވަނީ އެއިސްލާހަކީ ބާތިލު އިސްލާހެއް ކަމަށެވެ. އެހެން ކަމުން ބިލު އިތުރަށް ދިރާސާ ނުކުރުމަށް ކޮމިޓީއަށް އާޒިރުވީ މެމްބަރުގެ އަގުލަބިއްޔަތުން ފާސްވި އެވެ.
ފައްޔާޒު ހުށަހެޅި މި އިސްލާހުގައި ޖުޑީޝިއަލް ދާއިރާ އަކުން ވަޒީފާއާ ބެހޭ މައްސަލަ ހުށަހެޅި ނަމަވެސް އެމައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމެވޭނީ ވަޒީފާއާ ބެހޭ ޓްރެބިއުނަކް އަށެވެ. ނަމަވެސް އެ މައްސަލައަކާއި ގުޅޭގޮތުން އެހީ ތެރިކަމާއި ފުރިހަމަ އެއްބާރުލުން ކޯޓުން ދޭންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.