ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމުތަކަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ހުށަހެޅި އިސްލާހު ބަލައިގަނެފި އެވެ.
ސަރުކާރު ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 65 މެންބަރުން އިއްތިފާގުންނެވެ. އެގޮތުން މި އިސްލާހަށް މަޖިލީހުން ބަލައިގަނެ ދިރާސާ ކުރެއްވުމަށް އިޖްތިމާއީ ކޮމިޓީއަށް ފޮނުއްވި އެވެ. އަދި އެ ކޮމިީގެ މުގައްރިރަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިލްތިމާސް ކުރެއްވީ ވީހާވެސް އަވަހަށް ބިލު ދިރާސާ ކުރެއްވުމަށް ފަހު ތަޅުމަށް ފޮނުވުމަށެވެ.
ޕެންޝަނާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަމުން ފަލާހް ވިދާޅުވީ އިސްލާހު ހުށަހެޅީ ގެދޮރުވެރިކަމުގެ ދަތިކަން ކުޑަ ކުރުމަށް ސޯޝަލް ސެކިއުރިޓީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދުން ކަމަށާއި މި އިސްލާހުގެ ސަބަބުން ޕެންޝަން ސްކީމްގެ ބައިވެރިންނަށް ގެދޮރު ގަތުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން ގެދޮރުވެރި ކުރުމަށްޓަކައި ދައްކަން ޖެހޭ ޑައުންޕޭމަންޓް ދެއްކުމުގެ ގޮތުން ޕެންޝަން ފަންޑުގެ މެންބަރުންގެ ތެރެއިން އެ މެންބަރެއްގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުން ކަނޑައެޅޭ ވަކި އަދަދަކަށް ފައިސާ ކޮލަޓަރަލައިޒްކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
މި އިސްލާހުގައި ބުނެފައި ވަނީ ގާނޫނުގެ ދަށުން ކޮލަޓަރަލް ކުރެވޭ ފައިސާ އަކީ ހަމައެކަނި ޑައުންޕޭމަންޓަށް ބޭނުންވާ ފައިސާ ކަމަށާއި އެހެން ކަމުން ލޯނުގެ އިންޓުރެސްޓަކަށް ނުވަތަ އެހެން ކަމަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އިމާރާތްކޮށް ނިންމައި، އާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓުގެ ފައިސާ އެމީހެއްގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން ޕެންޝަން ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކޮލަޓަރަލައިޒު ކުރެވިގެންދާނެ ކަމަށާއި އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދަކު ކޮލަޓަރަލައިޒުކުރެވޭ ފައިސާ އަކީ ލޯނު ނެގި ފަރާތުން ލޯނު އަނބުރާ ނުދެއްކޭ ހާލަތުގައި ކޮލަޓަރަލް ގަބޫލުކުރާ ނުވަތަ ލޯނު ދޫކުރާ ފަރާތުގެ މަންފާއަށް ބެހެއްޓޭ ފައިސާއެއް ކަމަށެވެ.
ބަހުސް މަރުހަލާއަށް ތިން ގަޑި އިރުގެ ވަގުތެއް މަޖިލީހުގެ ރައީސް ދެއްވި އިރު ޕީޕީއެމް އަދި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ބިލަށް ތާއީދު ކުރެއްވި އެވެ.