ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމުތަކަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާބެހޭ ގާނޫނަށް ހުށަހެޅު އިސްލާހު ފާސްކޮށްފި އެވެ.
ސަރުކާރު ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީ މަރުހަލާގައި ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ އިރު، އެ އިސްލާހު މަޖިލީހުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ކޮމިޓީ އިން ގެނެސްފައެއް ނުވެއެވެ.
ޕެންޝަނާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ އިމާރާތްކޮށް ނިންމައި، އާންމުކޮށް ހުޅުވާލައިގެން ވިއްކާ ގެދޮރު ގަތުމަށްޓަކައި ބޭނުންވާ ޑައުންޕޭމަންޓުގެ ފައިސާ އެމީހެއްގެ ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން ގަވާއިދެއްގެ ދަށުން ކޮލަޓަރަލައިޒު ކުރެވިގެންދާނެ ކަމަށާއި އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހިނދަކު ކޮލަޓަރަލައިޒުކުރެވޭ ފައިސާ އަކީ ލޯނު ނެގި ފަރާތުން ލޯނު އަނބުރާ ނުދެއްކޭ ހާލަތުގައި ކޮލަޓަރަލް ގަބޫލުކުރާ، ނުވަތަ ލޯނު ދޫކުރާ ފަރާތުގެ މަންފާއަށް ބެހެއްޓޭ ފައިސާއެއް ކަމަށެވެ. އަދި ކޮލަޓަރަލް ކުރެވޭ ފައިސާ އަކީ ހަމައެކަނި ޑައުންޕޭމަންޓަށް ބޭނުންވާ ފައިސާ ކަމަށާއި އެހެންކަމުން ލޯނުގެ އިންޓުރެސްޓަކަށް ނުވަތަ އެހެން ކަމަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ފަލާހް ވިދާޅުވީ މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ގެދޮރުވެރިކަމުގެ ދަތިކަން ކުޑަ ކުރުމަށް ސޯޝަލް ސެކިއުރިޓީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދުން ކަމަށާއި މި އިސްލާހުގެ ސަބަބުން ޕެންޝަން ސްކީމްގެ ބައިވެރިންނަށް ގެދޮރު ގަތުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ގެދޮރުވެރި ކުރުމަށްޓަކައި ދައްކަން ޖެހޭ ޑައުންޕޭމަންޓް ދެއްކުމުގެ ގޮތުން ޕެންޝަން ފަންޑުގެ މެންބަރުންގެ ތެރެއިން އެ މެންބަރެއްގެ ރިޓަޔަމަންޓް ސޭވިން އެކައުންޓުން ކަނޑައެޅޭ ވަކި އަދަދަކަށް ފައިސާ ކޮލަޓަރަލައިޒްކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.